ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބްތަކުގެ މެޗުގައި ކުޅޭ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ މިސީޒަންގެ މުބާރާތުގެ ފައިނަލްގައި އިނގިރޭސިވިލާތުގެ ދެ ޓީމު ވާދަކުރަން ޖެހިއްޖެއެވެ.
މިސީޒަންގެ ތަށި ދާނީ އިނގިރޭސި ޓީމަކަށް ކަން ޔަގީންވީ ރޭ އިނގިރޭސި ޓީމު ޗެލްސީއާއި ސްޕެއިންގެ ރިއާލް މެޑްރިޑް ވާދަކުރި ސެމީ ފައިނަލްގެ ދެވަނަ ލެގް 3-1 ހެ އެގްރިގަޓް ސްކޯއަކުން ޗެލްސީން ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރުމުންނެވެ. މިދިޔަ ހަފްތާގައި ރިއާލްގެ ދަނޑުގައި ކުޅުނު މެޗުވީ 1-1 އަކުން އެއްވަރެވެ.
ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ސްކޯއަކުންނެވެ. ދިފާއީ ވަރުގަދަ ކުޅުމެއް އެޓީމުން ދެއްކި އިރު ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ފުރަތަމަ ހާފްގައި މުހިންމު ދެ ސޭވެއް ކުރިއެވެ. މި މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ގޯލާ ބީރަށްޓެހި ކަމަށް މީޑިއާއިން ސިފަ ކުރަމުން އަންނަ ފޯވަޑް ޓީމޯ ވާނާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ 28 ވަނަ މިނެޓްގައެވެ.
މެޗުގެ ދެވަނަ ހާފްގައި މުޅިންހެން ކުޅުނީ ޗެލްސީންނެވެ. އަދި ނަތީޖާ ކަށަވަރުކުރާނެ ގިނަ ފުރުސަތުތައް އެޓީމަށް ލިބުނު އިރު ކުރިން ޗެލްސީއަށް ކުޅުނު އަދި މިހާރު ރިއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.
އެހެން ނަމަވެސް މެޗުގެ 85 ވަނަ މިނެޓްގައި ޗެލްސީގެ ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް ޖަހާ ދިން ލަނޑާއެކު އެޓީމަށް ރޭގެ ނަތީޖާ ކަށަވަރުވެ މިސީޒަންގެ މުބާރާތުގެ ފައިނަލުން ޖާގައެއް ލިބުނެވެ.
މިއީ 2012 ވަނަ އަހަރުގެ ފަހުން ޗެލްސީން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެފަހަރުގެ ފައިނަލް މެޗު ކާމިޔާބުކޮށް ޗެލްސީން ވަނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ.
މިމަހުގެ 29 ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބުލްގައި އޮންނަ ފައިނަލްގައި ވާދަކުރާނީ ޗެލްސީއާއި އިނގިރޭސި ޓީމު މެންޗެސްޓާ ސިޓީއެވެ.