ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް، ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް މިއަދު އައްޔަންކުރައްވައިފިއެވެ.

ޝިފްލާ އެ މަގާމަށް އައްޔަންކުރައްވާ، މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައެވެ.

ޝިފްލާ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީއިން މާސްޓާ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ޝިފްލާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު ޓެލެވިޒަން މޯލްޑީވްސްގެ އެނައުންސާ ޓްރެއިނީއެއްގެ ގޮތުގައެވެ.

ބްރޮޑްކޮމްއަށް އައްޔަނު ކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވަމުން ގެންދެވީ ސަންގު ޓީވީގެ ނިއުސް އެންކާއެއްގެ މަގާމުގައެވެ.

ބްރޮޑްކޮމަށް ކުރިމަތިލި މެންބަރުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގެ ކުރީގައި އޮތީ މ. ވެންކޫވާ، ފާތުމަތު ސައުޝަން އެވެ. އަދި ލިސްޓުގެ ތިންވަނައިގައި އޮތީ އދ. މާމިގިލި/ ޖަވާހިރު އައްސޭރި، ޑރ. މުހައްމަދު އިބްރާހިމެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ތިން މީހުން ވެސް އިންޓަވިއު ކުރުމަށް ފަހު ކޮމިޓީން ފާސްވެ ތަޅުމަށް ފޮނުވާފައި ވަނީ ޝިފްލާގެ ނަން އެކަނިއެވެ.

ބްރޮޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެކޮމިޝަންގައި މިވަގުތު ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަހްމަދު ގައިސް އާއި، މެންބަރު މުހައްމަދު ފަޒީން އާއި، މެންބަރު އާމިނަތު ސަރާޙަތު އިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު އަލީ ޔޫސުފް އަދި މެންބަރު އާމިނަތު އަމީނާއެވެ.