ސްޓޮކް މަދުވެ، ކޮވިޑް-19އަށް ރާއްޖޭގައި ފުރަތަމަ ޖަހަން ފެށި ކޮވިޝީލްޑް އާންމުކޮށް ޖަހަން ހުއްޓާލާފައިވާއިރު ދެވަނަ ޑޯޒް ނުޖެހި 26،400 މީހަކު އެބަތިބި ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޝީލްޑް ވެކްސިން ސްޓޮކްގައި ބާކީ ހުރީ 1700 ޑޯޒު ކަމަށާއި ޗައިނާގެ ސިނޯފާމް ވެކްސިންގެ ހުރީ 137،000 ޑޯޒު ކަމަށެވެ.
އަދި ފައިޒާ ވެކްސިންގެ 4700 ޑޯޒު ސްޓޮކްގައި އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެ ވެކްސިން ޕްރަގްރާމް މެދުކެނޑުނުއިރު ރޭގެ ނިޔަލަށް ފުރަތަމަ ޑޯޒް ޖަހާ 8 ހަފްތާ ވެފައިވާ 26،400 މީހަކު އެބަތިބި ކަމަށެވެ.
އޭގެ ތެރޭގައި 12 ހަފްތާވެފައިވާ މީހުން ވެސް އެބަތި ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.
މަބްރޫކު ވިދާޅުވީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ އިން 100،000 ޑޯޒުގެ ވެކްސިން ގެނައުމަށް ހަމަޖެހިފައި އޮތް ނަމަވެސް އިންޑިއާގެ މިހާރު އޮތް ހާލަތުން އެ ތަކެތި ގެނައުމުގައި ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކޮވިޝީލްޑް ވެކްސިން ކޮންމެވެސް ވަރަކަށް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 298،396 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި 114،240 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ.