ފ. ނިލަންދޫ ފުލޫ ކުލިނިކަށް ދިޔަ މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ އެރަށުގެ ފުލޫ ކުލިނިކަށް ޑޮކްޓަރަށް ދެއްކި މީހެއްގެ ސާމްޕަލް މިމަހުގެ 2 ވަނަ ދުވަހު ނެގިކަމަށާ އެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ރޭ ދަންވަރުއެވެ.

ނިލަންދޫގެ އިތުރުން އެއަތޮޅު ފީއަލިވެސް ވަނީ ފުލޫ ސާމްޕަލްތަކެއް ޕޮޒިޓިވް ވުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލާފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކޮވިޑް ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިހާރު ޖުމުލަ 27 ރަށެއް ވަނީ ކޮވިޑް ކޭސްތަކަކާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައެވެ.

ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މާލެ ތެރޭގައާއި އަތޮޅުތެރޭގަ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ސިއްހީ ހިދުމަތް ހޯދުމަށާ، ޒަރޫރީ ބޭނުންތަކުގައި ފިޔަވައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރުމާ، މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފެށިގެން ފަތިހު 04 އާ ދެމެދު ވެހިކަލް ދުއްވުން މަނާކުރުމާ އޮފީސްތަކާއި ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވާދޭން ވަނީ ފަށާފައެވެ.