ކޮވިޑް-19ގައި ހާލު ބޮޑުވެ، ހަ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށާއި، އޭގެ ތެރެއިން ތިން މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ދަރުމަވަންތަ އައިސީޔޫގައި މިވަގުތު 9 މީހަކު އެޓްމިޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 6 މީހަކު ވެންޓިލޭޓަރުގައި ވާ ކަމަށެވެ. އަދި 3 މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ވެންޓިލޭޓަރަށް ނުލާ ބަލި މީހެއްގެ ގޮތުގައި މާބަނޑު މީހެއް ވެސް އެބަ އޮތް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ. އެއީ މިހާތަނަށް ފެނިފައިނުވާ ވަރަށް ބަލި ހާލަތު ސީރިއަސް ވެފައިވާ ބަލި މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިއަދު ވެސް ރެކޯޑު އަދަދަކަށް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މިއަދު 585 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 397 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 11 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 60 މީހަކާއި ހަދަމުންދާ ރަށްތަކުން 2 މީހަކާއި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން 15 މީހެކެވެ.
މިހާރު ކޮވިޑް އެކްޓިވް ކޭސްގެ އަދަދު 6508 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ 181 އަށް އަރާފައެވެ. މިހާތަނަށް ކޮވިޑުގައި 74 މީހަކު ވަނީ މަރުވެފައެވެ.
ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 31،931 އަށް އަރާފައި ވާއިރު ބަލިން ރަނގަޅުވި މީީހުންގެ ޖުމްލަ އަދަދު ވަނީ 25،340 އަށް އަރާފައެވެ.