ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭރުގެ މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން ފޮނުވި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމިއެވެ.

އެމައްސަލަ އާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް 8 މަސް ވާންދެން މުސާރަ ދިނުމަށް ފަހު، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ހެލްތް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ތިއްބެވި ނިޝާމާ އާއި ޝިޔާމާ

އެއްބަސްވުން ބާތިލުކޮށް ބަދަލު ހޯދަން ދިއުން

އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެމެދު އޭޕްރިލް 2، 2020 ގައި ވެފައިވާ އެއްބަސްވުމުގައި، އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭން ވާނެ ކަމުގައި ބަޔާން ކޮށްފައި ވާ ކަމަށް ބުނެފައެވެ.

ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަރާތުން މުދާ ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން މިދިޔަ އާދިއްތަ ދުވަހު އެ ކުންފުންޏަށް "ޓާމިނޭޝަން ނޯޓިސް" ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ.

އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައި ނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭން ވާނެ ކަމަށާއި އެ ކުންފުނިން ފޯރުކޮށްދީފައި ނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ.

އެއްބަސްވުމުގައި ވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގާ ތަނަކީ ދިވެހިރާއްޖެއެވެ. އަމަލުކުރެވޭނީ ދިވެހިރާއްޖޭގެ ގާނޫނަށެވެ. އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ. އެއްބަސްވުމުގައިވާ ގޮތުން، މައްސަލަ ބަލާނީ 1 އާބިޓްރޭޓަރެވެ.

ދެން ވާނީ ކިހިނެއް؟

ވެންޓިލޭޓަރު ހޯދުމަށް ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ މައްސަލާގައި މިނިސްޓްރީގެ ދެ މުވައްޒަފުން މަގާމުން ވަކިކޮށް، ފައިސާ ހޯދަން އާބިޓްރޭޝަކަށް ދާން ނިންމާފައި ވާއިރު އުފެދޭ ސުވާލަކީ ވެންޓިލޭޓަރުގެ ކަންކަން ދެން މިހާ ހިސާބުން މި ނިމުނީ ހެއްޔެވެ؟

އެކަމުގައި ބައިވެރިކަމަށް ތުހުމަތު ވީ މީހުން ކޮބާ ހެއްޔެވެ؟ އެލާރި ދޭން ސޮއި ކުރި މީހުން ކޮބާ ހެއްޔެވެ؟ އާބިޓްރޭޝަނަށް ދާން ނިންމުމުން އެ ހުރިހާ އެންމެން އެކަމުން ބަރީއަ ވެ "ސާފު ހުދު ފޮތިކޮޅެއް ކަހަލަ" ބަޔަކަށް ބަދަލުވެ ނިމުނީތޯއެވެ.

އުފެދޭ ސުވާލަކީ ގައުމުގައި ހިންގާ ކޮރަޕްޝަން ތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކާ މެދު އެ ތުހުމަތު ސާބިތު ވަމުން ނުދާ ގޮތަށް ވެންޓިލޭޓަރުގައި ވެސް ތުހުމަތު ވާ މީހުން ހަމަ އެ މަގުން ދޫކޮށްލަނީ ތޯއެވެ. ކޮވިޑާ ގުޅިގެން ހޯދަން އުޅުނު ގޭސް ސިލިންޑަރުތަކަށް ވީ ގޮތާއި، އެކިއެކި ވުޒާރާތަކުގައި ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލަ ސާބިތު ނުވެ ދިޔަ ގޮތާ ބެހޭ ގޮތުން މިއަދުވެސް ގިނަ ބަޔަކު ވާހަކަ ދައްކާ އިރު، ވެންޓިލޭޓަރާ ގުޅިގެން 2 ބޭފުޅަކު ކަނޑާލައި، ބަދަލު ހޯދަން ދާ ވާހަކަ ބުނީމައި ދެން ވެންޓިލޭޓަރުގެ ކަންތައް މި ނިމުނީތޯ ރައްޔިތުން ސުވާލު ކުރާނެއެވެ. އަދި އެކަން ދާ ގޮތްވެސް ބަލާނެއެވެ.