މާލެ ސަރަހައްދުގައި ކޮވިޝީލްޑް ޖެހުން ހުއްޓާލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މިކަން ދެންމެ އިއުލާން ކޮށްފައެވެ.

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލި ސަބަބެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ. ނަމަވެސް ރާއްޖެއަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މިހާރު ހުރީ މަދުވެފައި ކަމަށާއި، ދެން އެންމެ އަވަހަށް ކޮވިޝީލްޑް ލިބޭނީވެސް ޖުލައި މަހު ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވަނީ ވިދާޅުވެފައެވެ.

ކޮވިޝީލްޑް ހުއްޓާލިކަން އެޗްޕީއޭއިން އިއުލާނު ކުރި އިރު، ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާތާ 6 ހަފްތާއާއި 8 ހަފްތާއާ ދޭތެރޭ 2 ވަނަ ޑޯޒް ޖަހަން ޖެހެއެވެ. އަދި އެންމެ ލަސްވެގެން 12 ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ ނަމަ، ފުރަތަމަ ޑޯޒްގެ ބޭނުމެއް ނުހިފެއެވެ. ދެން ޖެހެނީ އަލުން ފަށާށެވެ.

މިކަމާ ގުޅިގެން އެޗްޕީއޭ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެހެން ކަމުން، ފުރަތަމަ ޑޯޒް ޖަހާ މުއްދަތު ހަމަވި އިރު ދެވަނަ ޑޯޒް ޖެހޭނެ ގޮތެއް ނެތުނު މީހުން ދެން ޖެހޭނީ އަނެއްކާ ފުރަތަމަ ޑޯޒުން ފަށާށެވެ.

ރާއްޖޭގައި 3 ވައްތަރެއްގެ ވެކްސިން ޖަހަންމުން އައި އިރު، ޗައިނާގް ސިނޯފާމް ވެކްސިނާއި، އެމެރިކާގެ ފައިޒާ ވެކްސިން އަދި ހުހެއް ނުވެއެވެ. ނަމަވެސް ދިވެހިންގެ ގިނަ ބަޔަކަށް ޖަހާފައިވާ އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ވަނީ ހުސްވުމާ ގާތްވެފައެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ވެކްސިން އުފައްދާ ކާރުހާނާތަކަށް ބޭނުންވާ ސާމާނު އެމެރިކާއިން ލިބުމުގައި ހުރި ދަތިތަކާ ހުރެ ވެކްސިން އުފެއްދުން ވަނީ މަޑުޖެހިފައެވެ. އިންޑިއާގައި އުފައްދާ ކޮވީޝީލްޑް ވެކްސިންގެ 28 މިލިއަން ޑޯޒް އުފެއްދުމަށް ބެނުންވާ ރޯމެޓީރިއަލް އެމެރިކާއިން ސަޕްލައި ކޮށްދިނީ މިދިޔަ ހަފްތާގެ ކުރީކޮޅެވެ.

ރާއްޖޭގައި ކޮވިޝީލްޑް ޖަހާ އިރު، ރާއްޖެއިން ކުރިން ލާރި ދެއްކި 700،000 ޑޯޒްވެސް ވަނީ ލިބުން ދަތިވެފައެވެ. އެ ވެކްސިން އުފައްދަނީ ތައިލޭންޑްގައި ނަމަވެސް، އެ ގައުމުގެ ކޮވިޑްގެ ހާލަތު ގޯސްވެފައި ވުމާއެކު ފެކްޓަރީތައް ހުރީ ބަންދު ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑަށް ވެކްސިން ޖަހާ މަރުކަޒުތައް ކައިރިއަށް ވެކްސިން ޖަހަން އެއްވާ މީހުންގެ އަދަދު ގިނަވެ ވެކްސިން ނުޖެހި މިފަހުން ކޮންމެ ރެއަކު ވަނީ އާންމުން އިހުތިޖާޖުވެސް ކޮށްފައެވެ.