ކޮވިޑް ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަަވަޅެއްގެ ގޮތުގައި މިވަގުތު އިންޑިއާއިން ރާއްޖެ އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ވާންޖެހޭ ކަަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިއުލާން ކޮށްފައެވެ. އެގޮތުން އިންޑިއާއިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން މިހާރު ރާއްޖެއަށް އައުމަށްފަހު 14 ދުވަސް ވަންދެން ކަރަންޓީން ވާންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ކަރަންޓީން މުއްދަތް ފުރިހަމަ ކުރުމަށްފަހު ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިގޮތަށް އަމަލު ކުރަން ފަށާނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކަަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޭސްތައް އިތުރުވަމުންދާ ނަމަ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އިންޑިއާއިން އަންނަ ދިވެހިން އަދި ވާކް ޕާމިޓް ހޯލްޑަރުންނަށް މީގެކުރިން އަމަލު ކުރުމަށް އަނގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބުނެފައި ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވީ ނަމަވެސް ރާއްޖެއަށް އަންނަން ވާނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާ އެކުގައި ކަަމަށެވެ. އަދި ރާއްޖެއައުމަށް ފަހު 10 ދުވަހު ކަރަންޓީން ވާން ޖެހޭ ކަމަށާއި އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހުގެ މުއްދަތު ހަމަވެ ޕީސީއާރް ޓެސްޓެއް ހަދައި އޭގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް އޭރު ބުނެފައި ވެއެވެ.