މިލްކް ކޭކަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ކޭކެކެވެ. އާންމު ގޮތެއްގައި މިލްކް ކޭކް ބޭނުން ކުރަނީ ޕާޓީ ފަދަ ކަންކަމަށް ކޭކް އެޅުމަށް ބޭނުން ކުރާ ފަރާތްތަކެވެ.
ނަމަވެސް މި ރެސިޕީއަކީ މި ރޯދަމަހު އާއިލާއާ އެކު ގޭގައި ވަގުތު ހޭދަކޮށްލުމަށް ލިބޭ މި ފުރުސަތުގައި ފޮނި އެއްޗެއް ނުވަތަ ރޯދަ ވީއްލުމަށް ޑެޒާޓެއް ހަދާލުމަށް ރަނގަޅުވާނެ ރެސިޕީއަކަށް ވާނެއެވެ.
ކޭކަށް ބޭނުންވާ ތަކެތި:
- 1 ޖޯޑު ފުއް
- 3/4 މޭޒުމަތީ ސަމްސާ ބޭކިންގް ޕައުޑާ
- 3 ބިސް (ހުދުބަޔާ ރީންދޫ ބައި ވަކިކޮށްފައި)
- 1/2 ޖޯޑު ހަކުރު
- 1، 1/2 މޭޒުމަތީ ސަމްސަލުގެ ރޯސް ވޯޓާ
- 1/2 ޖޯޑު ކިރު (ފުލް ކްރީމް)
- ފިޔާތޮށި ކުލައިގެ ކާކުލަ
މިލްކް މިކްސްޗާއަށް ބޭނުންވާ ތަކެތި:
- 3 ޖޯޑު ފުލް ކްރީމް މިލްކް
- 1 ޖޯޑު ހަކުރު
- 2 މޭޒުމަތީ ސަމްސަލުގެ ވިޕިން ކްރީމް
- 1/2 މޭޒުމަތީ ސަމްސަލުގެ ރޯސް ވޯޓާ
ކޭކު ތައްޔާރު ކުރާނެ ގޮތް:
ބޯތަށްޓަކަށް ބިހުގެ ހުދުބައި އަޅާ ފޯމް ގޮތަށް ހުދުކުލަ އަރަންދެން ގިރާލާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ) އޭގެ ތެރެއަށް ހަކުރު އެތިކޮޅުކޮޅުން އަޅާށެވެ. ހަކުރު އަޅާނީ 4 ބުރުން އެޅޭ ވަރަށެވެ. އެއަށްފަހު ހަކުރުތަށް ރަނގަޅަށް ގިރެންދެން އެއްކޮށްލާށެވެ. ބިހާ އެއްވެ ރަނގަޅަށް ވިޕް ވަންދެން މިކްސް ކޮށްލާށެވެ.
އިތުރު ބޯތަށްޓަކަށް ބިހުގެ ރީނދޫ ބަޔާއި ކިރު އަޅާ ކުރިން ގިރި ގޮތަށް އެއްކޮށް ގިރާލާށެވެ. ރަނގަޅަށް އެއްވުމުން ފުށާއި ބޭކިން ޕައުޑާ އާއި ރޯސް ވޯޓާ އަޅާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮލާށެވެ. އޭގެ ތެރެއަށް ކާކުލަ އަޅާށެވެ. އެއަށްފަހު ދޭފަތަކުން ނުވަތަ ސަމްސަލަކުން އެއްކޮށްލާށެވެ.
އެއްވުމުން ކުރިން ތައްޔާރުކުރި ކްރީމާއި އެއްކޮލާށެވެ. ސަމްސަލަކުން އެއްކޮލާށެވެ. އެއަށްފަހު މަފިން ޓްރޭއަށް ހެޔޮވަރުވާ ވަރަށް ޓްރޭ ތެރެއަށްލާ ފުށްގަނޑުން ސަމްސަލެއްގެ ފުއް އަޅާ 175-350 ޑިގްރީއަށް ފިހަން ލާށެވެ. ފިހެވުމުން ނަގާ ހޫނުކަން ކެނޑެންދެން ބައިންދާލާށެވެ.
މިލްކް މިކްސްޗާއަށް ބޭނުންވާ ތަކެތި:
ކުޑަ ޕޭންއަކަށް ފުލް ކްރީމް މިލްކާއި ހަކުރާއި ވިޕިން ކްރީމް އަޅާ ކައްކާލާށެވެ. ކެކިގަތުމުން ރޯސް ވޮޓާ އަޅާ މަޑު ގިނީގައި މަތި ޖަހައިގެން ކުޑަކޮށް ކައްކާލާށެވެ. އެއަށްފަހު ހިހޫ ވަންދެން ބަހައްޓާލާށެވެ.
ކޭކްތަކުގެ ހޫނުކަން ކެނޑުމުން ކުރިން ތައްޔާރުކުރި ކޭކް ޓްރޭއިން ނަގާ އިތުރު ޓްރޭއެއްގައި އަތުލާށެވެ. އެއަށްފަހު ޓޫތް ޕިކަކުން ކޭކްގެ މެދުގައި ލޯވަޅެއް އަޅާށެވެ. އެއަށްފަހު ތައްޔާރުކުރި މިލްކް މިކްސްޗާ ކޭކްގެ މައްޗަށް އަޅާ ކޭކް ފޯކޮށްލާށެވެ. 30 ވަރަކަށް މިނެޓް ވަންދެން ބަހައްޓާލުމަށްފަހު މައްޗަށް ވިޕިން ކްރީމް (ބޭނުންނަމަ) އަޅާށެވެ. އަދި ފިނިފެންމާ އަޅާ ގާނޭޝް ކޮށްލާށެވެ.