ހިޔާ މަޝްރޫއުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބިފައިވާނަމަ، ދެމީހުންނަށް ލިބޭނީ އެއް ފްލެޓް ކަމަށާއި، ނަމަވެސް ފްލެޓް ރަޖިސްޓްރީ ކޮށްދޭނީ ދެމީހުންގެ ނަމުގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޭޝަން (އެޗެޑީސީ) އިން މިއަދު ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ނަމަ، ދެމަފިރިންކުރެ ކޮންމެވެސް އެކަކު ފްލެޓް ދޫކޮށްލަން ޖެހޭނެއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމަފިރިން ކުރެ އެކަކު ފްލެޓް ދޫކޮށްލި ކަމުގައި ވިޔަސް ލިބުނު ފްލެޓް ރަޖިސްޓްރީ ކޮށްދޭނީ ދެމީހުންގެ ނަމުގައެވެ.

އެޗްޑީސީން މިގޮތަށް ނިންމުމާއިއެކު ހިޔާ ފްލެޓްތައް ލިުނު މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ އާންމުންގެ އެކުވެރި ގުޅުން (އޭއީޖީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ފްލެޓަށް ފޯމުލަނީ ދެމަފިރިން ނޫން ކަމަށާއި އެމީހަކަށް ޝަރުތުހަމަވާ ކެޓަގަރީން ކަމަށެވެ. އެގޮތުން ދެމީހުންނަށް ފްލެޓް ލިބޭ ހާލަތުގައި އެ ދެމީހުންނަކީ ކައިވެނިކޮށްގެން ތިބި ބައެއްނަމަ އެ ދެމަފިރިއަކަށް އެއް ފްލެޓް ދޭން ކަނޑައެޅީ ސަރުކާރުންކަމަށް ވެސް އޭއީޖީ އިން ބުނެއެވެ.

އޭއީޖީ އިން އިތުރަށް ބުނެފައިވަނީ ދެ މީހުންގެ ނަން މަތީގައި ރަޖިސްޓްރީ ކުރާ ފަހުން އެ މީހުން ވަރިވެއްޖެ ނަމަ، އެ މީހުން ބަދަލުވާނީ ދެ ފަރުދަކަށް ކަމުން، އެމީހުން ދިރިއުޅޭނީ ވެސް އެކުގައި ނޫން ކަމަށެވެ.

ދެ ފަރުދަަކަށް ފްލެޓު ލިބޭ ވަގުތު އެދެ ފަރުދުންނަކީ ކައިވެނި ކޮށްގެން ތިބި ބަޔަކަށް ވާނަމަ ފްލެޓު ރެޖިސްޓާރ ކުރެވޭނީ ހަމަ އެކަނި ދެ މީހުންގެ ނަން މައްޗަށް ކަމަށް ސަރުކާރުން ކަނޑައަޅައިގެން ނުވާނެއެވެ. ދެމަފިރިން ބޭނުން ވާނަމަ ދެމީހުން ނަންމަތީ ރެޖިސްޓާރ ކުރުމުގެ އިހްތިޔާރު ދީފައި، ބޭނުން ނުވާ ހާލުގައި ގިނައި ޕޮއިންޓު ލިބު މީހާގެ ނަން މައްޗަށް ރެޖިސްޓާރ ކުރުމުގެ އިހްތިޔާރުވެސް އޮންނަން ވާނެއެވެ.
އާންމުންގެ އެކުވެރި ގުޅުން

ސަރުކާރުގެ ގަވާއިދު އޮންނަ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓު ލިބިފައިވާ މީހަކަށް ދެން އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެގޮތުން ދެ މީހުންގެ މައްޗަށް ފްލެޓް ރަޖިސްޓްރީކުރާ ފަހުން ދެމީހުން ވަރިވެއްޖެ ނަމަ، އެތަނުން ނިކުންނަން ޖެހޭ މީހާއަށް އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުއަކަށް ވެސް ކުރިމަތި ނުލެވޭނެތީ އޭއީޖީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ 6،720 ފްލެޓް ގެ ގުރުއަތުލުން ލިހާރު ދަނީ ކުރިޔަށެވެ. މި ސަރުކާރުން ހިޔާ ފްލެޓްގެ އަގު ކަނޑައަޅާފައިވަނީ ޑައުންޕޭމަންޓާ ނުލައި 7،500 ރުފިޔާއެވެ. ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ޑައުންޕޭމަންޓާއެކު ކުއްޔަށްދޭނަމަ ފައިސާ ދައްކަންޖެހޭ އަދަދު 7،500 ރުފިޔާއަށްވުރެ ކުޑަވާނެކަމަށެވެ.