މާލޭއާއި އަތޮޅު ތެރޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މީގެ ތެރެއިން އެއް އޮޕަރޭޝަން ހިންގާފައިވަނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކަމަށެވެ. ޕޮލިސް އިންޓަލިޖެންސްއާ ރ. މީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެ ދޯނި ބަލާ ފާސްކުރިއިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅަކާ އަދި ހަތް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ރ. އަތޮޅުގައި ހިންގި އޮޕަރޭޝަނުގެ އިތުރުން މާލޭގައިވެސް ވަނީ މަސްތުވާތަކެތީގެ 2 އޮޕަރޭޝަނެއް ހިންގާފައެވެ. އެގޮތުން އޭޕްރިލް މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މައްޗަށްގޯޅި ގެއެއް ބަލާ ފާސްކޮށް 24 އަހަރާއި 29 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ދެ ސެލޯފިންކޮޅާއި، ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީގެ އިތުރުން، އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މާފަންނު ގެއެއް ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި، 18 ސެލޯފިންކޮޅާއި، 84 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި މި މައްސލައާއި ގުޅިގެން 22 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ހިންގި 2 އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންގެވެސް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިލިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު 24 އަހަރުގެ މީހާއާއި 29 އަހަރުގެ މީހާގެ އިތުރުން 22 އަހަރުގެ ފިރިހެން މީހާއަށް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 22 އަހަރުގެ އަންހެން މީހާ ބަންދުގައި 5 ދުވަހު ބެހެއްޓުމަށް މުއްދަތުދީފައި ވެއެވެ.