5955 ދަރިވަރުންނާއެކު 235 ސެންޓަރެއްގައި މިއަދު ސާނަވީ ނިންމާ އިމްތިހާނު ފަށާފައިވާ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނެފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެޑިއުކޭޝަނުން ބުނީ މި ހުރިހާ ސެންޓަރުތަކެއް ވެސް ވަނީ އިމްތިހާނަށް ފުރިހަމައަށް ވެފައި ކަމަށެވެ.

އެގޮތުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ދަރިވަރުންނާ، ކަރަންޓީނު ކޮށްފައިވާ ދަރިވަރުންގެ ތެރެއިން، އިމްތިހާނު ހެދޭ ހާލަތުގައި ތިބި ދަރިވަރުންނަށް އިމްތިހާނު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާ، ރަށްރަށުގެ ސިއްހީ އިދާރާތަކުގެ އިތުރުން، ރަށްރަށުގެ ޓާސްކްފޯސްތަކާ ގުޅިިގެން އެކަންކަން ހަމަޖެހިފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީ ބުނެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އާ އެޗް.ޕީ.އޭގެ އިރުޝާދުގެ ދަށުން ސުކޫލުތަކުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކޮށް ސްކޫލްތަކުގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުން އަދި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީވެސް ވަނީ މިއަދު އިމްތިހާނު ހަދަން ފަށާ ހުރިހާ ދަރިވަރުންގެ ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި މީގެކުރިން ސާނަވީ އިމްތިހާނު ކުރިޔަށްގެންދަނީ ކޮންމެ އަހަރެއްގަވެސް އޮކްޓޯބަރު އަދި ނޮވެމްބަރުގައެވެ. ނަމަވެސް ކޯވިޑް ގެ ސަބަބުން މިދިޔައަހަރުގެ ސާނަވީ އިމްތިހާނު ވަނީ ފަސްކޮށްފައެވެ.