ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 9 އަހަރުގެ އަންހެން ކުއްޖާގެ ހާލު ސީރިއަސްވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު އިތުރު ފަރުވާއަށް ރޭ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައިވާއިރު މިހާރު ކުއްޖާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށާއި އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 21:04 އެހައިކަންހާއިރު ކަމަށާއި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރީގައިކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، މަގުބޭރުގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިތުރަށް ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ދިވެހި އަންހެނެއްކަމަށާއި އެއީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ކަމަށެވެ.
ފުލުހުން ދަނީ ސީސީޓީވީ ފުޓޭޖްތައް ބަލައި، މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
