އިންޑިއާގެ ގައުމީ އިމްތިހާނުތަކުގެ ސިއްރު ކަރުދާސްތައް ލީކުވުމާއި ތައުލީމީ ނިޒާމުގައި ހުރި މައްސަލަތަކާ ގުޅިގެން ޒުވާނުން ކުރަމުންދިޔަ ވަރުގަދަ މުޒާހަރާތަކަށް ފަހު، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދްރަ ޕްރަދާން އިސްތިއުފާ ދެއްވައިފިއެވެ.
މި މުޒާހަރާތައް އިންތިޒާމުކުރީ 'ކޮކްރޯޗް ޖަނަތާ ޕާޓީ' (ސީޖޭޕީ) ގެ ނަމުގައި އަލަށް އުފެދުނު ޒުވާނުންގެ ސިޔާސީ ހަރަކާތަކުންނެވެ. އަދި މި ހަފުތާގައި މިކަން ވަނީ މުޅި ގައުމަށް ފެތުރި ޒުވާނުންގެ އިހުތިޖާޖަކަށް ބަދަލުވެފައިވާއިރު ޕްރަދާން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ، ވެރިރަށް ދިއްލީގައި އިހުތިޖާޖުކުރާ މީހުންގެ އަދަދު އިތުރުވެ އެ ގައުމުގެ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.
ޕްރަދާން ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވާފައިވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށް ދެއްވާފައެވެ. އިސްތިއުފާގެ ސިޓީގައި ޕްރަދާން ވިދާޅުވީ މިއީ ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މި ހާލަތުގެ ނާޖާއިޒު ފައިދާ ގައުމާ ދެކޮޅު ފަރާތްތަކުން ނެގިޔަ ނުދިނުމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި އިންޑިއާގެ ދަރިވަރުންގެ މުސްތަގުބަލާއި ތައުލީމަށް އިސްކަންދީ، ގާނޫނީ މައްސަލަތަކުގެ ތެރެއަށް ދަރިވަރުން ނުވަނުން ކަށަވަރުކުރުމަކީ އޭނާގެ މައިގަނޑު މަގުސަދު ކަމަށްވެސް ވިދާޅުވިއެވެ.
މުޒާހަރާކުރާ ޒުވާނުންގެ މައިގަނޑު ޑިމާންޑްތަކުގެ ތެރޭގައި ގައުމީ އިމްތިހާނުތައް ބާއްވާ އެޖެންސީ އުވާލައި، އިތުބާރު ހުރި އާ މިނިވަން މުއައްސަސާއެއް އުފެއްދުމުގެ އިތުރުން އޮންލައިން އިމްތިހާނު ނިޒާމަކަށް ބަދަލުކޮށް ޕޭޕަރު ލީކުވުން ހުއްޓުވުމަށްޓަކައި، ކޮމްޕިއުޓާ ބޭސްޑް ޓެސްޓިން (ސީބީޓީ) އަށް ބަދަލުކުރުމަށް ވަނީ ޑިމާންޑްކޮށްފައެވެ.
މީގެ އިތުރުން ކޯޗިން ސެންޓަރުތައް ރެގިއުލޭޓްކޮށް ޕޭޕަރު ލީކުކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ޕްރައިވެޓް ކޯޗިން ސެންޓަރުތަކަށް ހަރުކަށި ގާނޫނުތައް ހިންގުމަށް ވަނީ ގޮވާލާފައެވެ. އަދި އެންޓި-ޕޭޕާ ލީކް ގާނޫނެއް ތަންފީޒުކޮށް މަކަރުހަދާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ހަރުކަށި ގާނޫނެއް ހެދުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ދަރިވަރުންގެ ހައްގުތައް ކަށަވަރުކުރުމަށް އިމްތިހާނު ބޯޑުތަކުގެ ކޮމިޓީތަކުގައި ދަރިވަރުންނާއި މުދައްރިސުންގެ މިނިވަން މަންދޫބުން ހިމެނުމާއި ނީޓް އިމްތިހާނުގެ މައްސަލައިގައި އަސަރުކުރި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމަށާއި މުޒާހަރާގެ ބައިވެރިންނަށް ދައުވާ ނުކުރުމަށްވެސް ޒުވާނުން ވަނީ އެދިފައެވެ.
މިއީ ބާރަތީޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ވެރިކަމުގައި އޮތް 12 އަހަރުގެ ތެރޭގައި، އާންމުންގެ ފިއްތުންތަކާ ހުރެ މޯދީގެ އެންމެ ވަފާތެރި މިނިސްޓަރުންގެ ތެރެއިން ބޭފުޅަކު އިސްތިއުފާ ދެއްވަން މަޖުބޫރުވި ފުރަތަމަ ފަހަރެވެ.
