ބައިނަލްއަގުވާމީ ޖައްވީ އިދާރާ (އައިއެސްއެސް) ގައި ތިބި 4 ފަޅުވެރިއަކު އެ މަރުކަޒު ދޫކޮށް، ދުނިޔޭގެ ބިމަށް ދަތުރު ފަށައިފިއެވެ.

އައިއެސްއެސްގައި 160 ދުވަސް ހޭދަ ކުރުމަށްފަހު، 4 ފަޅުވެރިން ދުނިޔޭގެ ބިމަށް ދަތުރު ކުރަމުން ދަނީ މަހުޖަނު އީލޯން މަސްކުގެ ސްޕޭސް އެކްސްގެ ޖައްވީ އުޅަނދެއްގައެވެ.

އައިއެސްއެސްއިން ކްރޫ ޑްރެގަން ކެޕްސޫލް އުދުއްސާލަފައި ވަނީ ޖީއެމްޓީ ގަޑިން މެންދަމު 00:35 ގައެވެ. މި އުޅަނދަށް ދުނިޔޭގެ ސަތަހައަށް އާދެވޭނީ، ގާތްގަނޑަކަށް 6 ގަޑިއިރާ ބައިގެ ދަތުރަކަށް ފަހުގައެވެ. މި ކެޕްސޫލް ތިރިވާނީ ފްލޮރިޑާގެ ޕެނަމާ ސިޓީގެ ބޭރުން ގަލްފް އޮފް މެކްސިކޯ ސަރަހައްދަށެވެ.

ނާސާއިން ވަނީ ރިކަވަރީ ކުރޫ ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. ދުނިޔޭގެ ސަތަހާގައި މި ކެޕްސޫލް ޖެހުމާއެކު ސްޕޭސް އެކްސް ކުންފުނީގެ ބޯޓުތައް 10 މިނެޓެއްހާއިރު ތެރޭގައި ކެޕްސޫލާ ހިސާބަށް ދަތުރުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

4 ފަޅުވެރިން އެނބުރި ދުނިޔޭގެ ބިމަށް ދަތުރު ކުރާއިރު، އައިއެސްއެސްގައި މިހާރު ތިބީ 7 ފަޅުވެރިންނެވެ. މީގެ ތެރޭގައި، ހުސްވި ހަފުތާގައި އެ މަރުކަޒަށް ދަތުރު ކުރި 4 ފަޅުވެރިއަކު ހިމެނެއެވެ.