ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދާދިނުމަށާއި އެކަންކަމާ ގުޅުންހުރި ގާނޫނުތައް އަވަހަށް ފާސްކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް ބައްދަލުކުރާއިރު، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ހައްގުތަށް ވަނީ ގެއްލިފައި ކަމަށެވެ. އަދިހަމައެހެންމެ މަސައްކަތްތެރިންގެ ވަޒީފާތައް ގެއްލި މަސައްކަތް ތެރިން ނިކަމެތިވެ މަގުމަތިވެފައިވާ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވެއެވެ.

އިތުރަށް އެ ބަޔާނުގައި ވަނީ، އަންހެން މަސައްކަތްތެރިންނަށް ކުރިމަތިވާ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށާ، ރިޒޯޓްތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އެމީހުންގެ އަނބިދަރިން ކައިރިއަށް ނުދެވި، ވަޒީފާގެ ތަފާތުކުރުންތަކާ ހިތްދަތިކަމާއެކު ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މަސްވެރިންގެ އާއިލާތައް ނިކަމެތިވެ އެމީހުން ބާނާ މަސް ނުކިރި އެމަހަށްވާ ހަމަ އަގު ނުލިބޭކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. ހަމައެއާއެކު ކޮވިޑް 19 ގެ މި ހާލަތުގައި ރެޔާ ދުވާލު އިސްސަފުގައި މަސައްކަތް ކުރަމުންދާ ސިއްހީ އެހީތެރިންނަށާއި ފަންނީ މީހުންނަށް އެމީހުންނަށް ލިބެންޖެހޭ ހައްގު އުޖޫރަ ލިބެމުންނުދާ ކަމަށާ، މި ބޭބޭފުޅުންނަށް ދޭޏްޖެހޭ އެލަވަންސްވެސް ލިބެމުން ނުދާކަމަށް އިދިކޮޅުން ނެރިފައިވާ ބަޔާނުގައިވެއެވެ.

ދުވަހު މުސާރައަށް މަސައްކަތްކުރާ ފަރާތްތަކާއި، އަމިއްލަ މަސައްކަތުން ދިރިއުޅެމުން ގެންދާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި އަދި އެހެނިހެންވެސް ވަޒީފާތަކުގައި ތިއްބެވި އެތައް ރައްޔިތުންނެއްގެ ހައްގުތައް ގެއްލިފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ.

ކޮވިޑްގެ މި ހާލަތުގައި އެންމެ ބޮޑު އަސަރެއް ކުރަނީ މަސައްކަތްތެރިންނަށް ކަމަށާ، ސިޔާސީ ބޭނުމުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާކަމަށާ، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުމާ އަދި ވަޒީފާ ބަދަލުކުރަމުން ގެންދާ ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ވެއެވެ.