ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވައިފިއެވެ.
އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހެވެ. އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރައްވާ ތުހުމަތަކީ ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ކުށެވެ.
ވ. ތިނަދޫ ކައިރީގައި އޮތް އާރަށަކީ ޕިކްނިކް ދާ ކުޑަރަށެކެވެ. އެ ރަށަކީ، ޑީއާރްޕީގެ ކުރީގެ ލީޑަރު، އަހްމަދު ތަސްމީނު އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން ދީފައި އޮތް ރަށެކެވެ.
ތަސްމީންގެ އަތުން އޮގަސްޓް 2015ގައި އެރަށް އަތުލާ، ވ. ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމާ އެރަށް ހަވާލުކުރިއެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަހުން ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. އެރަށް ހަވާލުކުރިތާ އެއްމަސްތެރޭގައި ބޭރުގެ ކުންފުންޏަކަށް ރަށް ވިއްކާލުމަށްފަހު ލިބުނު އެއް މިލިއަން ޑޮލަރު އެޗްއެސްބީސީގައި އޮންނަ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ވެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ރޭގެ ވަގުތެއްގައު ރައީސް ޔާމީން ރޭ ގެއަށް ބަދަލު ކުރައްވާފައިވާއިރު ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައި ވަނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އާއި ގިނަ އަދަދެއްގެ ޖަލު އޮފިސަރުން ޕޮޒިޓިވް ވަމުން ދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ. އެގޮތުން ރައީސް ޔާމީން ވަގުތީގޮތުން ގެއަށް ބަދަލުކުރީ ކަމުގައި މޯލްޑިވްސް ކަރެކްޗަނަލް ސާވިސްއިން ބުނެއެވެ.
ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައެވެ. އެއީ، ރިސޯޓް ހެދުމަށް ދޫކުރި މުއާމަލާތުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދެއްވި ކަމުގެ ތުހުމަތު ކުރާ މައްސަލައެކެވެ.