ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 2،556 ސާމްޕަލްއެއް ޓެސްޓްކޮށްފައިވާއިރު، އޭގެތެރެއިން 318 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ބުރާސްފަތި ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 142 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 130 މީހަކާއި، ރިސޯޓްތަކުން 33 މީހަކާއި، ހަދަމުންދާ ރަށަކުން އެކަކު އަދި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ ރަށްރަށުން 4 މީހުންކަމަށެވެ.

އެންމެ ފަހުގެ ކޮވިޑް އަޕްޑޭޓް:

  • އިއްޔެ ޕޮޒިޓިވްވި އަދަދު: 318
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 134
  • ޕްޒިޓިވްވި މީހުންގެ ޖުމުލަ އަދަދު: 29،370
  • ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު: 24،703
  • ކޮވިޑް މަރުގެ ޖުމުލަ އަދަދު: 73

އެޗްޕީއޭއިން ރެންޑަމް ސާމްޕަލް ނެގުން މިހާރުވެސް މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދެއެވެ. އަދި ކޮވިޑް ކޭސްތަކެއް ފެނިގެން މިހާރު އަތޮޅުތެރޭގެ 21 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

މިހަފްތާ އަދި މިދިޔަ ހަފްތާގައި ވެސް ކޮވިޑް ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ރ 464 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އަންގާރަ ދުވަހު ވަނީ 386 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިދިޔަ ހޯމަ ދުވަހު 328 މީހަކު ކޮވިޑް ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފަ ވާއިރު އާދީއްތަ ދުވަހު ވަނީ 253 ކޭސް ރިޕޯޓް ކޮށްފައެވެ. ހަމައެއާއެކު ހޮނިހިރު ދުވަހު ވަނީ 218 ކޭސް ރިޕޯޓް ކޮށްފައެވެ.