ގދ. ތިނަދޫން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި އިންޑިއާ ރައްޔިތެއް، ހޯމް ކަރަންޓީން މުއްދަތު ހަމަވުމަށްފަހު މިމަހު 26 ވަނަ ދުވަހު ނެގި ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގައި ފާހަގަކުރެވުނު ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލެއް މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިއާއެކު މިހާރު ތިނަދޫގައި އެކްޓިވް ކޭސްގެ އަދަދު މިވަނީ 10 އަށް އަރާފައެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނި ތިނަދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިމަހު 25 ވަނަ ދުވަހުއެވެ.

ތިނަދޫގައި ކޮވިޑް ކޭސްއާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ވަނި ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އެ ގޮތުން ގިނަ ބަޔަކު އެއް ތަންވެ ރޯދަ ވީއްލުން އަދި ހަފްލާތަކާއި ޕާޓީތަކުގެ އިތުރުން އާންމު ތަންތަނަށް އެއްވެ އުޅުން ވަނީ މަނާ ކޮށްފައެވެ.

ދުވަހުން ދުވަހަށް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދާއިރު މީހުން ދިރިއުޅޭ ރަށްރަށުން ވެސް ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރު ވެއްޖެއެވެ. އެގޮތުން އިއްޔެ ވެސް ވަނީ މީހުން ދިރިއުޅޭ ރަށްރަށުން 146 މީހަކު ޕޮޒިޓިވް ވެފައެވެ.