މިއަދު ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 3948 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، މިއަދު 464 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 207 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 14 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 146 މީހަކާއި ހަދަމުންދާ ރަށަކުން އެކަކާއި އިންޑަންޓްރިއަލް އިން 93 މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް:

  • މިއަދު ޕޮޒިޓިވްވި އަދަދު: 464
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 122
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 29،052
  • ކޮވިޑް އެކްޓިވް ކޭސް: 4396
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 24،575
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 72

އެޗްޕީއޭއިން ރެންޑަމް ސާމްޕަލް ނެގުން މިހާރު ވެސް މާލޭ އާއި އަތޮޅުތަކުގައި ކުރިއަށް ގެންދެއެވެ. އަދި ކޮވިޑް ކޭސްތަކެއް ފެނިގެން މިހާރު އަތޮޅު ތެރޭގެ 23 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

މިހަފްތާ އަދި މިދިޔަ ހަފްތާގައި ވެސް ކޮވިޑް ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ 386 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ހޯމަ ދުވަހު ވަނީ 328 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިދިޔަ އާދިއްތަ ދުވަހު 253 މީހަކު ކޮވިޑް ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފަ ވާއިރު ހޮނިހިރު ދުވަހު ވަނީ 218 ކޭސް ރިޕޯޓް ކޮށްފައެވެ. ހަމައެއާއެކު ހުކުރު ދުވަހު ވަނީ 318 ކޭސް ރިޕޯޓް ކޮށްފައެވެ.