ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓި (241 ކޮމެޓީ)ގެ ވާހަކަ ފެންމަތިވެފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ތެރޭގައި ނުތަނަވަސްކަމެއް އުފެދިގެން ކަމަށް އެ ކޮމެޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި 241 ކޮމިޓީއާ ހިސާބަށް ދާން ނުޖެހޭ ކަމަށެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުން ދާ ގޮތް ފާހަގަ ކުރައްވަމުން އަސްލަން ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ޖުޑިޝަރީ ކޮމިޓީ އާއި 241 ކޮމިޓީ ގުޅިގެން ޖޮއިންޓް ކޮމިޓީއެއް މީގެ ކުރިން އެކުލަވާލި ކަމަށާއި ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއެއްވެސް އެކުލަވާލި ކަމަށެވެ.

އެ ކޮމެޓީގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުވެސް އިންނަވާ އިރު، އަސްލަމް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައޭ ކިޔައި 241 ކޮމެޓީ އަކީ ކުޅޭކުޅޭ ކޮމެޓީއަކަށް ނުހެދޭނެ ކަމަށެވެ. އަދި އޭނާ ގަބޫލު ކުރައްވާ ގޮތުގައި 241 ކޮމެޓީއޭ ކިޔައިގެން އެވާހަކަ ދައްކަނީ ނުވަތަ އެކަން މައްސަލައެއްގެ ގޮތުގައި ފެންމަތި ކޮށްގެން އުޅެނީ އެމްޑީޕީގެ ތެރޭގައި ހިތްހަމަ ނުޖެހުމެއް އުފެދިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެހެން ކަމެއްގަ ކަމަށް އަޅުގަނޑު ދެކެނީ، އެއީ ޕާޓީގެ އިންތިހާބާ ބެހޭ ކަންކަން ބެލެހެއްޓުމަށް ހަސަން ލަތީފް ޕާޓީގެ ޗެއާ ޕާސަންގެ ހައިސިއްޔަތުން ކޮމެޓީއަށް ނަންގަވާފައި ވަނިކޮށް އަޅުގަނޑަށް އެކަން ކަމު ނުގޮސްގެން އެމްޑީޕީގެ ބައްދަލުވުމުގައި އަޅުގަނޑު އާ ކޮމެޓީއެއް ހުށަހެޅި މައްސަލާގަ، ފާޓީގެ އެތެރޭގެ މައްސަލައެއްގަ އެ އުޅެނީ
އަސްލަމް

މީގެ އިތުރުން މަޖިލީހުގެ ކޮމެޓީއަށް އިޝާރާތް ކުރައްވަމުން އަސްލަމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ ބެލުމުގައި އިހުލާސްތެރިކަމެއް ނެތް ކަމަށާއި ހުރިނަމަ މިއަދު އެ މައްސަލަ ބަލައި ނިމިފައި ވާނެ ކަމަށާއި މަޖިލީހަކީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާ، އަދި ރައްޔިތުން އިތުބާރު ކުރާ ތަނަކަަށް ހަދަން ޖެހޭ ކަމަށެވެ.

އަދި ބޭނުންހާ ގޮތެއް ހަދަން 241 ކޮމެޓީން ޖާގަ ނުދެއްވާނެ ކަމަށާއި ކޮމިޓީ ހިންގަވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމެޓީގެ މެންޑޭޓުން އައިސްފައިވާ މައްސަލަތައް ކުރިން ވެސް ބައްލަވާފައި ވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ނުބަލާކަށް ނެތިން. ކުރާ ކަމެއް ކުރަންވާނީ އިންސާފުވެރިކަމާއެެކު، އެކަމެއް ބަލާ ސާފުކޮށްފަ ނޫނީ ފާސްކޮށްގެން ނުވާނެ. އަޅުގަނޑު އަމަލު ކުރާނީ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން
އަސްލަމް

އަސްލަމް އެފަދައިން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފު ކުރެއްވުމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ސަލާމަތީ ހިދުމަތްތަކާ ބެހެ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާ އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފު މަޖިލީހަށް ހުށަހަޅުއްވުމާއި ގުޅިގެންނެވެ. އަދި އެ ހުށަހެޅުމާއެކު ހަސަލް ލަތީފު ވަނީ މުގައްރިރު އަސްލަމަށް ތުހުމަތު ތަކެއް ކުރައްވާފައެވެ. އޭނާގެ ތުހުމަތުގައި ވިދާޅުވެފައި ވަނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށް 241 ކޮމެޓީގައި ހިމެނޭ މެންބަރުން އެދިވަޑައިގަތުމުންވެސް ކޮމެޓީގެ މުގައްރިރު އެކަން ނުކުރައްވަން އުޅުއްވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ފެންމަތިކޮށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވަނީ ބޮޑު ހިޔާނާތުގެ މައްސަލަ މަޖިލީހުގެ އެއްވެސް ކޮމިޓީއަކަށް ފޮނުވައިގެން ބެލޭނެ ކަމުގެ އިތުބާރެއް މިހާރު ނެތް ކަމަށް ވިދާޅުވެފައެވެ.