ފާއިތުވީ 48 ގަޑިއިރެއްހާއިރަށް ބަލާއިރު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ޓްރެންޑް ވަމުން ދިޔަ އެއް ހޭޝްޓެގަކީ "ޕާކިސްތާންސްޓޭންޑްސްވިތުއިންޑިއާ" ނުވަތަ "އިންޑިއާއާއެކު ޕާކިސްތާނު" މި ހޭޝްޓެގްއެވެ.

ޒަމާނުއްސުރެ އަދުއްވުންގެ ގޮތުގައި އޮތް އިންޑިއާއާ ޕާކިސްތާނުގެ ގުޅުން ހެޔޮ ފާލަކަށް އެޅެމުން އަންނަ ކަމުގެ އިޝާރާތްތަކެއް ލިބެމުން ދަނިކޮށް، ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނެއްގައި އިންޑިއާ ޖެހި، މުޅި ގައުމަށް ލޮޅުން އަރާފައި ވާ އިރު، އިންޑިއާގެ ހައްގުގައި އެންމެ ފުރަތަމަ ތެދުވި އެއް ބަޔަކީ ޕާކިސްތަނުގެ އަހުންނާ އުހުތުން ކަމީ، މިއަދު ގަބޫލު ކުރަން ޖެހިފައި އޮތް ހަގީގަތެކެވެ.

ކޮވިޑް-19ގެ ދެވަނަ ރާޅުގައި އިންޑިއާއިން މަރުވި މީހެއްގެ އާއިލާ މެންބަރަކު ހިތާމަފާޅު ކުރަނީ / ފޮޓޯ: އީޕީއޭ | ބީބީސީ

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިންޑިއާއިން އިސްވެ އެހީ ފޯރުކޮށްދިން ގައުމުތަކަށް، އިންޑިއާގެ ވޭނީ ރުއިމުގެ އަޑު އިވޭހެންވެސް ހީނުވެ އޮއްވާ، ޕާކިސްތާނުން ވަނީ ފަރުދީ، ޖަމާއީ އަދި ސަރުކާރުގެ ފެންވަރުގައިވެސް އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ހުށަހަޅާފައެވެ.

ސޯޝަލް މީޑިއާގައި ޓްރެންޑްވަމުންދާ ޕޯސްޓުތަކަށް ބަލާއިރު، ޕާކިސްތާނުގެ ސެލެބްރިޓީންނާ، އެކްޓިވިސްޓުންގެ އިތުރުން ސަރުކާރުގެ އޮފިޝަލުންގެ އިތުރުން ސިޔާސީ މަސްރަހުގައި މާ ބޮޑު ދައުރެއް ނެތް އާންމު ރައްޔިތުންވެސް ދަނީ، އިންޑިއާއަށް ހެޔޮ ދުއާކޮށް، ހަމްދަރުދީ ފޮނުވަމުންނެވެ.

ޕާކިސްތާނުގެ ރައްޔިތުން ބުނަމުން ދަނީ އިންސާނިއްޔަތު ކަމަކީ ދީނަކުން އެކަމަށް ހުރަސް އަޅާ ކަމެއް ނޫން ކަމަށެވެ. އަދާވާތްތެރިކަމާ ދުޝްމިނުކަމުގެ މައްޗަށް، އެއްބައެއްވަންތަކަމާ ހަމްދަރުދީ އިސްކުރަން ޖެހޭނެ ކަމަށް ޕާކިސްތާނުގެ ރައްޔިތުން ދަނީ ބުނެ، އެކަމުގެ މިސާލު ދައްކަމުންނެވެ.

ކޮވިޑް-19ގެ ތޫފާނެއްގައި އިންޑިއާ ޖެހި، ގައުމަށް ގުޑުން އަރާފައި ވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް ވަނީ އިންޑިއާއާއެކުގައި ހުންނެވި ކަން ހާމަ ކުރައްވާފައެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ގޮންޖެހުމުން އަރައިގަތުމަށްޓަކައި މުޅި އިންސާނިއްޔަތު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ކްލައިމެޓް އެކްޓިވިސްޓް ލިސީޕްރިޔާ ކަންގުޖާމް ބުނީ، ޕާކިސްތާނުގެ ރައްޔިތުންގެ ފަރާތުން މި އުނދަގޫ ދަނޑިވަޅުގައި ލިބެމުންދާ އޯގާތެރިކަމާ ހަމްދަރުދީ، ބަލައިގަންނަ ކަމަށެވެ. ބޯޑަރުގެ ގޮތުން ދެތަންވި ކަމުގައި ވީ ނަމަވެސް، އެއީ އެއް ޖައްވަކަށް ނޭވާ ލާ ބައެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއިން ވަނީ، އިންޑިއާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭނެ ކަން އެ ގައުމަށް އަންގާފައެވެ. ރިލީފް ސަޕޯޓްގެ ގޮތުގައި ވެންޓިލޭޓަރާ، ބައިޕެޕް، ޑިޖިޓަލް އެކްސްރޭ މެޝިނާ ޕީޕީއާއާއި އެނޫންވެސް އެފަދަ ސާމުނު، އެހީގެ ގޮތުގައި އިންޑިއާއަށް ފޯރުކޮށްދޭނެ ކަމަށް، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު، ޝާހް މަހްމޫދު ގުރައިޝީ ކުރެއްވި ޓްވީޓެއްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޝިޕްމަންޓެއް އިންޑިއާއިން މަތިންދާ ބޯޓަކަށް ބަރު ކުރަނީ / ފޮޓޯ: އިންޑިއާ އެކްސްޕްރެސް

ޕާކިސްތާނުގައި ހިންގާ ހިލޭ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ އީދީ ފައުންޑޭޝަނުންވެސް ވަނީ އިންޑިއާއަށް އެހީ ހުށަހަޅާފައެވެ. އެގޮތުން، އިންޑިއާއަށް 50 އެމްބިއުލާންސްއާ ސިއްހީ ހިދުމަތްތެރިން ފޮނުވާނެ ކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.

https://www.facebook.com/photo.php?fbid=307646130727219&set=a.203717867786713&type=3

އިނގިރޭސިންގެ އަޅުވެތިކަމުން ނެއްޓި ވަކި ދެ ގައުމުގެ ގޮތުގައި އިންޑިއާ އަދި ޕާކިސްތާނު އުފެދުނު ފަހުން ދުވަހަކުވެސް މި ދެ ގައުމު ސުލްހަވެފައި އޮތަތީ ފެނިފައެއް ނުވެއެވެ. ފާއިތުވީ 70 ވަރަކަށް އަހަރަށް ބަލާއިރު، 3 ހަނގުރާމައެއް ކުރިއެވެ. އަދި 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހަށްފަހު، ދެ ގައުމުގެ ގުޅުން އިންތިހާއަށް ނުތަނަވަސްވެ، ހަނގުރާމައެއްގެ ތުންފަތް މައްޗަށް ވެއްޓުނެވެ.

ނަމަވެސް، މި ފަހަކަށް އައިސް ބައިނަލްއަގުވާމީ މަސްރަހު އިވެމުންދާ އަޑުތަކަށް ބަލާއިރު، އިންޑިއާއާއި ޕާކިސްތާނު ސުލްހަވާން އުޅޭ ކަމުގެ ނިޝާންތަކެއް ދަނީ ފެންނަމުންނެވެ.