އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމްއާއި ޗެލްސީ ވާދަކުރި މެޗު 0-1 އަކުން ޗެލްސީ ކާމިޔާބުކޮށް މިސީޒަންގެ ގަދަ ހަތަރެއް ކަށަވަރުކުރުމާ ގާތަށް ޖެހިލައިފިއެވެ.
ތާވަލުގެ ގަދަ ހަތަރެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ދެ ޓީމުގެ ދެމެދުގައި ކުޅުނު މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ހަމައެކަނި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށް ދިނީ އެޓީމުގެ ފޯވަޑް ޓީމޯ ވާނާއެވެ. މެޗުގެ 43 ވަނަ މިނެޓްގައި ވާނާ ޖެހި މިލަނޑަކީ ފެބްރުއަރީ މަހުގެ ފަހުން އޭނާ ޓީމަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.
މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ވެސްޓް ހޭމްއަށް ރޭގެ މެޗުގައި މާގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު އެޓީމުން މެޗު ނިންމީ 10 ކުޅުންތެރިންނާއެކު އެވެ. އެއީ މެޗުގެ 81 ވަނަ މިނެޓްގައި ފަބިއަން ބަލްބުއެނާ ޗެލްސީގެ ބެން ޗިލްވެލްއަށް ކުރި ފައުލުގެ ސަބަބުން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.
ރެފްރީ ބަލްބުއެނާއަށް ރަތް ކާޑެއް ދައްކާފައިވަނީ ދަނޑުގެ ކައިރީގައި ހުރި މޮނީޓަރުން ފައުލްގެ ރީޕްލޭ ބެލުމަށް ފަހު އެވެ.
މިމެޗުން މޮޅުވުމާއެކު ޗެލްސީއަށް މިވަނީ 33 މެޗު ކުޅެ 58 ޕޮއިންޓް ލިބިފައެވެ. އެޓީމު ތާވާލުގެ ހަތަރު ވަނައިގައި އޮތް އިރު އެންމެ ގާތުން އޮތް ވެސްޓް ހޭމް 5 ވަނައިގައި އޮތީ 55 ޕޮއިންޓާ އެކުއެވެ.