އާންމުކޮށް ޗޮކްލެޓް ކައިއުޅެނީ އަނގައަށް މީރު ކާނާ އެއްގެ ގޮތުގައެވެ. ނޫނީ ހިތްހަމަ ޖައްސައިލުމަށް އަމިއްލަ ނަފުސަށްދޭ ޓްރީޓެއްގެ ގޮތުގައެވެ. ނަމަވެސް ޗޮކްލެޓަކީ ހަމައެކަނި އެ ކެއުމުން ހިތަށް ހަމަޖެހުން ގެނެސްދޭ އެއްޗެއްނޫނެވެ.

ފޮނި އެއްޗެހި ކާހިތްވާ ހާއްސަކޮށް ޗޮކްލެޓަށް ލޯބިކުރާ ފަރާތްތަކަށް މި ރެސިޕީ ވަރެއް ނޯންނާނެއެވެ. މި ރެސިޕީއަކީ ފިހަން ނުޖެހޭ ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ޑެޒާޓެކެވެ.

ބޭނުންވާ ތަކެތި:

  • 36 ބިސްކޯދު (މީރުވައްތަރެއްގެ ބިސްކޯދެއް)
  • 6 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓާ (މެލްޓްކޮށްފައި)
  • 1 ޖޯޑު ކްރީމް ޗީޒް
  • 1/4 ޖޯޑު ހަކުރު
  • 2 ޖޯޑު ވިޕިން ކްރީމް
  • 2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާ
  • 2 ޖޯޑު ފުލް ކްރީމް
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • 2 މޭޒުމަތީ ސަމުސާ ކޯންފުލާ
  • 1 މޭޒުމަތީ ސަމުސާ ގެރިކިރު
  • 2/1 ޖޯޑު ޑާކް ޗޮކްލެޓް
  • (ބޭނުން ނަމަ ޗޮކްލެޓް ޗިޕްސް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސްކޯދުތައް ހިމުންކޮށް މިކްޗަރުން މުގުރާލާށެވެ. އެއަށްފަހު ބަޓާއާ އެއްކޮށް ޓްރޭގައި އަތުރާށެވެ. އެ ތައްޔާރު ކުރުމަށްފަހު ހަރުކޮށްލުމަށް ފްރިޖަށްލާ 10 ވަރަކަށް މިނެޓް ބަހައްޓާލާށެވެ.

އިތުރު ބޯތަށްޓަކަށް ކްރީމްޗީޒް ކޮޅާއަޅާލާށެވެ. އޭގެ ތެރެއަށް ހަކުރު އަޅާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ) ހަކުރު އަޅާނީ އެތިކޮޅުކޮޅުންނެވެ. ހަކުރު އަޅާނީ 4 ބުރުން އެޅޭ ވަރަށެވެ. އެއަށްފަހު ހަކުރުތައް ރަނގަޅަށް ގިރެންދެން އެއްކޮށްލާށެވެ.

އިތުރު ބޯތަށްޓަކަށް ހެވީ ކްރީމް (ވިޕިން ކްރީމް) އަޅަށެވެ. އޭގެ ތެރެއަށް ގިރޭ ވަރަކަށް ހަކުރު އަޅަމުންދާށެވެ. ހަކުރު ޖޯޑުގެ އެއްބައި ގިރުމުން ވެނީލާ އެސެންސް ކޮޅު އަޅާ ބާކީ ހަކުރާ އެއްކޮށް ގިރާލާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ)

އެއްކޮށް ވިޕް ވުމުން ކުރިން ތައްޔާރުކުރި ބޯތައްޓާ އެއްކޮށްލާށެވެ. އެއްކުރާނީ ދޭފަތަކުންނެވެ. އެއަށްފަހު ކުރިން ތައްޔާރުކުރި ބިސްކޯދު ލޭޔާގެ މައްޗަށް އެއް އިންޗި ވަރަށް ވިޕިން ކްރީމް ލޭޔާއެއް އަޅާށެވެ. އަނެއްކާވެސް ފްރިޖަށްލާށެވެ.

އެއަށްފަހު ތެއްޔަކަށް ފުލްކްރީމާއި ހަކުރާއި ކޮކޯޕައުޑާ އަޅާ އުނދުއްމަށްޗަށް އުދާށެވެ. އެއަށްފަހު ކުޑަ ފެންފޮދެއްގައި ކޯންފްލޯ ގިރާލާ އޭގެ ތެރެއަށް އަޅާލާށެވެ. އަދި ވެނީލާ އެސެންސް ވެސް އަޅާށެވެ. ގަނޑުވިޔަ ނުދީ ދޭފަތަކުން ހަލަން ވާނެއެވެ.

އެއަށްފަހު ޑާކު ޗޮކްލެޓް އަޅާ ދިޔާކުރުމަށްފަހު އެއްކޮށްލާށެވެ. ހުރިހާއެއްޗެއް އެއްކޮށް ރަނގަޅަށް އޮލަވުމުން އުނދުންމަތިން ބާލާށެވެ. ދެން ފްރިޖަށްލީ ޓްރޭ ނަގާ އޭގެ މައްޗަށް އަޅާލާށެވެ. ދެން ހިހޫ ކުރުމަށްފަހު އަނެއްކާވެސް ފުރިޖަށް ލުމަށްފަހު ވިޕިންކްރީމް ލޭޔާއެެއް އަޅާށެވެ.

އެއްކޮށް ތައްޔާރު ކޮށް ނިމުމުން މައްޗަށް ބިސްކޯދު ނުވަތަ ޗޮކްލެޓް ޗިޕްސް އަޅާ ގާނޭޝް ކޮށްލާށެވެ. ކެއުމަށް ބޭނުން ކުރާނީ 20 މިނެޓް ނޫނީ 30 މިނެޓްވަންދެން ފިނިކޮށްލާފައެވެ.