އަންނާރަކީ މެދުއިރުމައްޗަށް ހާއްސަ މޭވާއެކެވެ. އަންނާރަށް އަރަބި ބަހުން ކިޔާ ނަމަކީ رمّان އެވެ. މާތްވެގެންވާ ކީރިތި ޤުރުއާންގައިވެސް އަންނާރުގެ ވާހަކަ ބަޔާންވެގެންވެއެވެ. އައްރަޙްމާން ސޫރަތުގެ 68 ވަނަ އާޔަތުގެ މާނާގައިވެއެވެ:

"އެ ދެތާނގައި މޭވާއާއި، ކަދުރާއި، އަދި އަންނާރު ވެއެވެ."

އަންނާރަކީ މޭވާގެ ބާވަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ފަސޭހަކަމާއެކު ހެއްދޭ ބާވަތެކެވެ. މޭވާގެ ގޮތުގައި ބޭނުންކުރަނީ އަންނާރުގެ އެތެރޭގައި ހުންނަ އޮށްތަކެވެ. މިއޮށްތައް ހުންނަނީ ދުލިފަށްތަކަކުން އެކުލެވިފައިވާ ކަޅިވަތް ތަކެއްގައެވެ. ފޮންޏާއި ހުތް އަންނާރު ހުރެއެވެ.

ގަހެއްގައި އަންނާރު އަޅާފަ / ފޮޓޯ: ގްރޯ އޯގާނިކް

އަންނާރުން ހަށިގަނޑަށް ކުރާ ފައިދާ

އަންނާރުގައި އެކުލެވޭ އާސާސީ މާއްދަތަކަށް ބަލާއިރު، ހަކަތަ، ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް، ފެޓް އަދި ފައިބަރު ހިމެނެއެވެ. ވިޓަމިންތަކަށް ބަލާއިރު ފޯލިކް އެސިޑްގެ މުއްސަނދިކަން ލިބިފައިވާ އަންނާރުގައި ވިޓަމިން ސީ، އީ އަދި ކޭވެސް އެކުލެވެއެވެ. އަންނާރަށް ލިބިފައިވާ މައުދަންތަކުގެ މުއްސަނދި ކަމަށް ބަލާއިރު، ކެލްސިއަމް، ކޮޕާ، ދަގަނޑު، މެގްނީޒިއަމް، ފޮސްފަރަސް އަދި ޒިންކް ހިމެނެއެވެ.

ހިތުގެ ބަލިތަކަށް އިތުބާރު ބޮޑު އައްޑަނައެއް : އަންނާރު ބޭނުންކުރުމަކީ ސްޓްރޯކް ޖެހުން، ހާޓްއެޓޭކް ޖެހުން ފަދަ، ހިތާ ލެހޮޅިތަކާއި ގުޅުންހުރި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު އަންނާރު ޖޫސް ބޭނުންކުރުމަކީ، ހަށިގަނޑުގައި ލޭދައުރުވުން ރަގަޅުކުރުމުގައި އެހީތެރިވެދިނުމުގެ ފުރުސަތުވެސް އޮތް ކަމެކެވެ.

އަންނާރުގައި ހިމެނޭ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވާ، ލޭހޮޅިތައް ބެދުނަނުދީ ހިފަހައްޓައިދެއެވެ. ނަތީޖާއެއްގެ ގޮތުން ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުން ދުރުކޮށް ދެއެވެ. އަދި ލޭގައި ނުރަގަޅު ސަރުބީގެ އަދަދު ދަށްކޮށް، ރަގަޅު ސަރުބީގެ މިންވަރު އިތުރުކުރުވައެވެ.

ލޭމަދުވުމުން ރައްކާތެރިކޮށްދިނުން : އަންނާރުގައި ދަގަނޑުގެ ބައި ގިނައިން ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ލޭމަދުވުމުން މެދުވެރިވާ، ވަރުބަލިވުން، ބޯއެނބުރުން، ވަރުދެރަވުން ފަދަ މައްސަލަތަކަށް އަންނާރު ބޭނުންކުރުމުން ލުއިކަން ގެނެސްދެއެވެ.

އަންނާރު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

ލޭގެ ޕްރެޝަރު ދަށްކުރުން : ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު އަންނާރު ޖޫސް ބޭނުންކުރުމަކީ ސިސްޓޮލިކް ޕްރެޝަރު ދަށް ކުރުމަށް އެހީވެދޭނެ ކަމެކެވެ.

ތުއްތު ދަރިފުޅުގެ ސިކުނޑި ރައްކާތެރިކުރުން : މައިމީހާ އަންނާރު ޖޫސް ބޭނުންކުރުމަކީ، ތުއްތު ދަރިފުޅުގެ ސިކުނޑިއަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭނެ ކަމެއް ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

އަންނާރު އަދި އޭގެ ޖޫސް ބޭނުން ކުރުމުގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަދި ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވިޔަ ނުދީ ހިފަހައްޓައެވެ.

ކެންސަރުން ރައްކާތެރިވުން : އަންނާރުގައި ބާރުގަދަ އެންޓި އޮކްސިޑެންޓް "ފްލޭވޮނޮއިޑް" އެކުލެވިގެންވެއެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. މިސަބަބާ ހެދި، ކެއުމުގައި އަންނާރު ހިމެނުމަށް، ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެއެވެ.

އަންނާރު ސްމޫތީ / ފޮޓޯ: ސްޕްލެންޑާ

އަންނާރު އެންޓިއޮކްސިޑަންޓް ސްމޫތީ

ބޭނުންވާނެ ތަކެތި

  • 6 ޖޯޑު ބޭބީ ސްޕިނެޗް ފަތް
  • 1 ޖޯޑު އަންނާރު ޖޫސް
  • 1 ޖޯޑު ބްލޫބެރީ
  • 1 ޖޯޑު ސްޓްރޯބެރީ
  • 6 ކަދުރު (އޮށް ނަގާފަ)

ތައްޔާރުކުރާނެ ގޮތް

ސްމޫތީ ތައްޔާރު ކުރުމަށްޓަކާ، މި ހުރިހާ އެއްޗެއް މިކްސްރަކަށް އަޅާ، ގިރާލާށެވެ.

އަންނާރުން ލިބިދޭ އިތުރު ފައިދާތަކުގެ ތެރޭގައި އަލްޒައިމާ ބަލި ޖެހުމުގެ ފުރުސަތު ކުޑަވުމާ، ދިފާއީ ބާރު ގަދަވުން ފަދަ ފައިދާތައް ހިމެނެއެވެ. މީގެ އިތުރުން އަންނާރަކީ ވައިރަސްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރުވެސް ލިބިފައިވާ މޭވާއެކެވެ. އަރިދަފުސް ރޯގާ ޖެހުން ކުޑަކޮށްދޭ މި މޭވާއަކީ، އަޑުކުރެހުން ފަދަ ކަންކަމަށްވެސް އޮތް ފަރުވާއެކެވެ. އަދި ލޮލުގެ ފެނުން ސާފު ކުރުމުގައިވެސް އަންނާރު އެހީވެދެއެވެ. ބުނެވޭ ގޮތުގައި، އަންނާރަކީ އިންސާނުން ކެއުމުގައި ބޭނުން ކުރާ އެންމެ ދުވަސްވީ މޭވާއެވެ.