އާންމު ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ކާން ބޭނުން ނޫނަސް އަބަދުވެސް ފޮނި އެއްޗެހި ކާހިތްވާނެއެވެ. ހާއްސަކޮށް ކައި ނިންމާލުމަށްފަހު އަނގަ މީރުކޮށްލުމަށް މިހާރުގެ ގޮތަށް ބުނާނަމަ ޑެޒާޓެއް ބޭނުން ކުރަން ޖެހޭ މީހުން މަދެއް ނުވާނެ ކަން ޔަގީނެވެ.
ފޮނި އެއްޗެހި ކާހިތްވާ ފަރާތްތަކަށް މި ރެސިޕީ ވަރެއް ނޯންނާނެއެވެ. މި ރެސިޕީއަކީ ފިހަން ނުޖެހޭ ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ޑެޒާޓެކެވެ.
ބޭނުންވާ ތަކެތި:
- 2 ޕެކެޓް ބިސްކޯދު (ބޭނުންނަމަ މީރު ވައްތަރެއްގެ ބިސްކޯދެއް ބޭނުން ކުރައްވާ)
- 1/4 ޖޯޑު ބަޓާ (މެލްޓް ކޮށްފަ)
- 2 ޖޯޑު ކްރީމް ޗީޒް
- 2 ޖޯޑު ހަކުރު
- 4 ޖޯޑު ހެވީ ކްރީމް (ވިޕިން ކްރީމް)
- 1 ސައިސަމްސާ ވެނީލާ އެސެންސް
- ބްލޫބެރީ ޖޭމް
- ޗެރީ ޖޭމް
ތައްޔާރު ކުރާނެ ގޮތް:
ބިސްކޯދުތައް މިކްޗަރަށް އަޅާ ރަނގަޅަށް ފުނޑުކޮށްލާށެވެ. އެއަށްފަހު ބޯތައްޓަކަށް އަޅާ އޭގެ ތެރެ ބަޓާކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޓްރޭއެއްގައި ލޭޔާ އަކަށް ވާނެހެން ފަތުރާލާށެވެ.
އިތުރު ބޯތަށްޓަކަށް ކްރީމްޗީޒް ކޮޅާއަޅާލާށެވެ. އޭގެ ތެރެއަށް 1 ޖޯޑު ހަކުރު އަޅާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ) ހަކުރު އަޅާނީ އެތިކޮޅުކޮޅުންނެވެ. ހަކުރު އަޅާނީ 4 ބުރުން އެޅޭ ވަރަށެވެ. އެއަށްފަހު ހަކުރުތައް ރަނގަޅަށް ގިރެންދެން އެއްކޮށްލާށެވެ.
އިތުރު ބޯތަށްޓަކަށް ހެވީ ކްރީމް އަޅަށެވެ. އޭގެ ތެރެއަށް ގިރޭ ވަރަކަށް 1 ޖޯޑު ހަކުރު އަޅަމުންދާށެވެ. ހަކުރު ޖޯޑުގެ އެއްބައި ގިރުމުން ވެނީލާ އެސެންސް ކޮޅު އަޅާ ބާކީ ހަކުރާ އެއްކޮށް ގިރާލާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ)
އެއްކޮށް ވިޕް ވުމުން ކުރިން ތައްޔާރުކުރި ބޯތައްޓާ އެއްކޮށްލާށެވެ. އެއްކުރާނީ ދޭފަތަކުންނެވެ.
އެއަށްފަހު އެންމެ ފުރަތަމަ ތައްޔާރުކުރި ޓްރޭއަށް 1 އިންޗި ބޯމިނުގައި ލޭޔާއެއް އަޅާށެވެ. އޭގެ މައްޗަށް ޗެރީ ޖޭމް ލޭޔާއެއް އަޅާ އަނެއްކާވެސް ވިޕިން ކްރީމް ލޭޔާއެއް އަޅާށެވެ. އޭގެ މައްޗަށް ބްލޫބެރީ ޖޭމް ލޭޔާއެއް އަޅާ އިތުރު ވިޕިން ކްރީމް ލޭޔާއެއް އަޅާށެވެ. އޭގެ މައްޗަށް އަނެއްކާވެސް ބިސްކޯދު ކޮޅެއް ފުނޑުކޮށްލާފައި އަޅާލާށެވެ. (ބޭނުންނަމަ ބޮޑެތިކޮށް ނުވަތަ އެންމެ ހިމުންކޮށް، ދަށުގަ އިން ލޭޔާ ފޮރުވޭ ވަރަށް އަޅާލާށެވެ)
ކެއުމަށް ބޭނުން ކުރާނީ 20 މިނެޓް ނޫނީ 30 މިނެޓްވަންދެން ފިނިކޮށްލާފައެވެ.