ޗޮކްލެޓް މޫސްއަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ފޮނިކާއެއްޗެކެވެ. އާންމު ގޮތެއްގައި ކައި ނިމިގެން އަނގަ ފޮނިކޮށްލުމަށް ބޭނުންކުރާ ޗޮކްލެޓް މޫސް ކޭކަކީ މަދުން ނަމަވެސް ބައެއް މީހުން ޕާޓީ ފަދަ ކަންކަމަށް އެޅުމަށް ބޭނުން ކުރާ އެއްޗެކެވެ.
ނަމަވެސް މި ރެސިޕީއަކީ މި ރޯދަމަހު އާއިލާއާ އެކު ގޭގައި ވަގުތު ހޭދަކޮށްލުމަށް ލިބޭ މި ފުރުސަތުގައި ފޮނި އެއްޗެއް ނުވަތަ ރޯދަ ވީއްލުމަށް ޑެޒާޓެއް ހަދާލުމަށް ރަނގަޅުވާނެ ރެސިޕީއަކަށް ވާނެއެވެ.
ކޭކަށް ބޭނުންވާ ތަކެތި:
- 1 ޖޯޑު ޗޮކްލެޓް (ކުދިކޮށް ކޮށާފަ)
- 4 ބިސް
- 1/3 ޖޯޑު ހަކުރު
- 1/4 ސައި ސަމްސަލުގެ ލޮނު
- 1 ސައި ސަމްސަލުގެ ވެނީލާ އެސެންސް
- 1/2 ޖޯޑު ބަޓާ (ދިޔާކޮށްފަ)
ޗޮކްލެޓް މޫސް ލޭޔާއަށް ބޭނުންވާ ތަކެތި:
- 1 ޖޯޑު ޗޮކްލެޓް (ކުދިކޮށް ކޮށާފަ)
- 1، 1/2 ޖޯޑު ވިޕިން ކްރީމް
- 1 ސައި ސަމްސާ ޖެލެޓިން (އަންފްލޭވާޑް)
- 2 މޭޒުމަތީ ސަމްސާ ފެން (ފިނިކޮށް)
ވައިޓް ޗޮކްލެޓް މޫސް ލޭޔާއަށް ބޭނުންވާ ތަކެތި:
- 1/3 ޖޯޑު ވައިޓް ޗޮކްލެޓް (ކުދިކޮށް ކޮށާފަ)
- 1، 1/2 ޖޯޑު ވިޕިން ކްރީމް
- 1 ސައި ސަމްސާ ޖެލެޓިން (އަންފްލޭވާޑް)
- 1 މޭޒުމަތީ ސަމްސާ ފެން (ފިނިކޮށް)
ކޭކް ތައްޔާރު ކުރާނެ ގޮތް:
ޗޮކްލެޓްކޮޅު މެލްޓް ކޮށްލާށެވެ. ބޭނުންނަމަ މައިކްރޯވޭވް އަވަނެއްގައި ނުވަތަ އާދައިގެ އުނދުނުގައެވެ. އެއަށްފަހު ބޯތަށްޓަކަށް ބިހުގެ ހުދުބައި އަޅާ ފޯމް ގޮތަށް ހުދުކުލަ އަރަންދެން ގިރާލާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ) އޭގެ ތެރެއަށް ހަކުރު އެތިކޮޅުކޮޅުން އަޅާށެވެ. ހަކުރު އަޅާނީ 4 ބުރުން އެޅޭ ވަރަށެވެ. އެއަށްފަހު ހަކުރުތަށް ރަނގަޅަށް ގިރެންދެން އެއްކޮށްލާށެވެ. ބިހާ އެއްވެ ރަނގަޅަށް ވިޕް ވަންދެން މިކްސް ކޮށްލާށެވެ.
އިތުރު ބޯތަށްޓަކަށް މެލްޓް ކުރި ޗޮކްލެޓް ކޮޅާ އެކު ދޭފަތަކުން ނުވަތަ ސަމްސަލަކުން އެއްކޮށްލާށެވެ. އެއްވުމުން ކުރިން ތައްޔާރުކުރި ކްރީމާއި އެއްކޮލާށެވެ. ސަމްސަލަކުން އެއްކޮލާށެވެ. އެއަށްފަހު ޓްރޭއެއްގައި ބޭކިން ޕޭޕާ ލުމަށްފަހު ކޭކް މިކްސްޗާ އަޅާލުމަށް ޓްރޭ ފިހަން ލާށެވެ. (ފިހާނީ 26-28 މިނެޓާ ދޭތެރެ)
ކޭކް ފިހެވުމުން 1 ގަޑިއިރުވަންދެން ފްރިޖްގައި ބައިންދާލާށެވެ. ގަޑި ހަމަ ވުމުން ކޭކް ނަގާ ކައިރި އާއި މަތި އެއްވަރަށް ކަފާލާށެވެ. (ކަފާނީ ހަރުނަމަ) އޭރަށް ކޭކް ފިހެވުނީއެވެ.
ޗޮކްލެޓް އެންޑް ވައިޓް ޗޮކްލެޓް މޫސް ލޭޔާ ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ޖެލެޓިން ފެން ފޮދުގެ ތެރެއަށް އަޅާ ބަހައްޓާލާށެވެ. އެއަށްފަހު 1/2 ޖޯޑުގެ ވިޕިން ކްރީމް ތެއްޔަކަށް އަޅާ ޗޮކްލެޓް ކޮޅާއެކު މަޑު ގިނީގައި ކައްކާލާށެވެ. ޗޮކްލެޓްތައް މެލްޓް ވަންދެން މަޑު ގިނީގައި ހާކަމުންދާށެވެ. ޗޮކްލެޓްތައް ރަނގަޅަށް މެލްޓް ވުމުން ޖެލެޓިން ކޮޅާ އެއްކޮށްލާށެވެ.
ބާކީ އިން 1 ޖޯޑުގެ ވިޕިން ކްރީމް ވިޕް ވަންދެން ގިރާލާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ) އެއަށްފަހު ވިޕް ކުރި ކްރީމް ތެރެއަށް ކުރިން ތައްޔާރުކުރި ބައި އެއްކޮށްލާށެވެ.
ދެން ފްރިޖަށްލީ ކޭކްގެ މަތީ އެއް އިންޗި ވަރަށް ފަތުރާލާށެވެ. އެއަށްފަހު 30 ވަރަކަށް މިނެޓް ފްރިޖްގައި ބައިންދާލަށެވެ.
ހަމަ ކުރިން ޗޮކްލެޓް މޫސް ލޭޔާ ތައްޔާރު ކުރި ގޮތަށް ވައިޓް ޗޮކްލެޓް ލޭޔަށްވެސް ތައްޔާރު ކޮށްލާށެވެ. (ބޭނުން ކުރާނީ ވައިޓް ޗޮކްލެޓެވެ) ދެން ފްރިޖަށްލީ ކޭކް ނަގާ ޗޮކްލެޓް ލޭޔާގެ މަތީގައި ވައިޓް ޗޮކްލެޓް ލޭޔާވެސް ފަތުރާލަށެވެ. 4-5 ގަޑިއިރު ވަންދެން ފްރިޖްގައި ބެހެއްޓުމަށްފަހު ނަގާ މައްޗަށް ޗޮކްލެޓް ކޮޅެއް ގާނާލާށެވެ (ބޭނުން ނަމަ). އޭރުން އެ ތައްޔާރުވީއެވެ.