ރިޝްވަތާއި ކޮރަޕްޝަނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކައަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމް ކުރުމަށާއި ބޮޑު ވަޒީރުކަން ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖު ކުރައްވާފައި ވާއިރު އެކަމާ ގުޅިގެން ގާސިމް ވަނީ ބަރުލަމާނީ ނިޒާމަކީ ރިޝްވަތާއި ކޮރަޕްޝަންގެ މަގުން ދައުލަތުގެ މުދަލަށް ހިޔާނާތްތެރި ވުމުގެ ފުރުސަތު އިންތިހާއަށް އޮންނަ ވެރިކަމުގެ ނިޒާމެއް ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ރާއްޖޭގެ ފުރަތަމަ ރިޝްވަތު އެކި ފަންތި ތަކަށް ދީ އާންމު ކުރުވީ ބުރުމާ ގާސިމް ކަމަށެވެ.

ހަޔާތްކުޑަ މީހާ މި ރާއްޖޭގެ ފުރަތަމަ ރިޝްވަތު އެކި ފަންތި ތަކަށް ދީ އާންމު ކުރުވީ ވެސް ހަމަ ބުރުމާ ގާސިމް، ތި އުޅެނީ ކިޔާ ނުކިޔާނެ އެއްޗެއް ނޭނގިގެން
މުހައްމަދު މުސްތަފާ

ސަރުކާރުގެ ގިނަ އިސް ފަރާތްތައް ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކީ ހުރިހާ ބާރެއް މަޖިލީހުގެ ތެރެއަށް ޖަމާވެފައި އޮންނަ އަދި އެ ނިޒާމުގެ ތެރޭގައި، ބޭނުން ވަރަކަށް ރިޝްވަތާއި ކޮރަޕްޝަންގެ މަގުން ދައުލަތުގެ މުދަލަށް ހިޔާނާތްތެރި ވުމުގެ ފުރުސަތު ވެސް އިންތިހާއަށް އޮންނަ ވެރިކަމުގެ ނިޒާމެއް ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ބޭނުންވެގެން އުޅެނީ، ވެރިކަމުގެ ހުރިހާ ބާރުތަކެއް މަޖިލީހުގެ ތެރެއަށް ޖަމާކޮށް ޕްރައިމް މިނިސްޓަރުގެ ހުރިހާ ބާރެއް "އަތަށް މަހާލަން" ބޭނުން ވެގެން ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހަށް ފޮނުއްވި މެސެޖުގައި ނަޝީދު ހުށަހެޅުއްވަނީ، 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވާ، 2022 ގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރާށެވެ. އަދި ސަރުކާރު ވެސް އުވާލާށެވެ. އަދި މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އުވާލަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި މެސެޖު ރައީސުލްޖުމްހުރިޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފި ކަމަށެވެ.

މިހާރު މި އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށް ވާތީ މިކަމަށް ބަދަލު ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓުން ކަމަށް ރައީސް ސޯލިހު ދެކެވަޑައި ގަންނަވާ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.