މިދިޔަ ފެބުރުއަރީ މަހު، ވިހެއުމުގެ ތެރޭގައި މަރުވި ސަލްމާ ނަސީރު، 25، މަރުވުމުގައި އޭޑީކޭ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ، ދައުވާ ކުރުމަށް ނިންމައިފިއެވެ.

އެމައްސަލަ ބަލާ އެޑްވޮކަސީ ޗެމްބާސް ލޯފާމުން ނެރުނު ބަޔާނެއްގައި ބުނީ ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލަތަކެއްގައި ފެބްރުއަރީ 3، 2021 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ސަލްމާ މަރުވުމާ ގުޅިގެން، އެހާދިސާ ހިނގާދިޔުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ބަލާ، އެކަމާއި ގުޅޭގޮތުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް ސަލްމާގެ އާއިލާގެ ފަރާތުން އެލޯފާމް އާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހާދިސާ ބަލާދިނުމަށް އެދި އާއިލާގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތަށް ފެބްރުއަރީ 19، 2021 ގައި ހުށަހަޅާފައިވާއިރު، މިނިސްޓްރީ އިން އެކަން ހިނގިގޮތް ބެލި ބެލުމުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ސަލްމާއަށް ފަރުވާ ދިނުމުގައާއި ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ހޮސްޕިޓަލުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް ފުރިހަމަކޮށްފައި ނުވާކަމަށް މިނިސްޓްރީ އިން ބަޔާންކޮށްފައިވާ ކަމަށް ލޯފާމުން ބުނެއެވެ.

އެގޮތުން ބަލިމީހާގެ ގަޔަށް ވަގުތުން ލޭ އެޅޭނެ އިންތިޒާމް ހަމަޖައްސާފައިނުވާ ކަމަށާއި އަދި ބަލިމީހާގެ ހަށިގަނޑުން ލޭފޭބި މިންވަރު ރަނގަޅަށް އަންދާޒާކުރެވިފައި ނުވާކަމާއި އެކަށީގެންވާ ފަރުވާ ދިނުމުގައި ލަސްތަކެއްވެފައިވާކަން މިނިސްޓްރީން ބެލި ބެލުމުން ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައު ބުނެފައިވާ ކަމަށް ލޯފާމުން ވަނީ ބުނެފައެވެ.

ލޯފާމުން ބުނީ އެހުރިހާކަމެއް އެގޮތަށް ހުރުމުން، އެ ހާދިސާއާ ގުޅިގެން އިހުމާލުވެފައިވާ ފަރާތެއް ވޭތޯ ބަލައި އިހުމާލުވެފައިވާ ފަރާތެއްވާނަމަ، އެފަރާތްތައް ޒިންމާކުރުވުމުގެ ގޮތުން ޖިނާއީ އަދި މަދަނީ ގާނޫނީ ނިޒާމުގެ ތެރެއިން ލިބެން ހުރި ހައްލުތައް ހޯދާ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސިއްހީ ފަރުވާ ދޭ ހިދުމަތްތެރިންނާއި އަދި ފަރުވާދޭ ތަންތަނުގެ އިހުމާލުން ބަލި މީހުންނަށް ލިބޭ ގެއްލުންތައް މަދުކުރުމުގެ ގޮތުން އެފަރާތްތަކާއި އެތަންތަން ޒިންމާކުރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ސަލްމާގެ އާއިލާއިންނާއި ލޯފާމްގެ ފަރާތުން ދެކޭކަމަށް ވެސް ވަނީ ބުނެފައެވެ.