މާލޭގައި އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި 2 މީހަކު ވެގެން އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ 08:10 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ އާ ގުޅިގެން 2 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރޭޕް ކުރުމުގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު މިދިޔަ މަހު މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ ކުއްޖެ ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މާޗް މަހުގެ ތިން ވަނަ ދުވަހު، 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މާޗް މަހުގެ 11 ވަނަ ދުވަހެވެ. އެ މައްސަލައިގެ ތުހުމަތު ކުރަނީ އެ ރަށު ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު ބަޔަކަށެވެ. އާއިލާ އިން ތުހުމަތު ކުރަނީ އެ ކުއްޖާ ގޭންގަކުން ރޭޕްކޮށްފައިވާ ކަމަށެވެ.