މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އިއްޔެ އާއި ރޭ ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 24 އަހަރާއި 36 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ.
އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފަވަނީ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށްފަހު 18 ފޮއްޓެއްގެ ނަތީޖާ ކަށަވަރުކުރުމަށް އެ ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރުމުން އިންތިހާބީ މަރުކަޒުގައި އިދިކޮޅު ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާއި މެދު ހިނގި ހަމަނުޖަހުންތަކަށްފަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެދުވަހު އިންތިހާބީ މަރުކަޒަށް އެއްވެ އެތަނުގައި ގޯސް ހެދީ ޕީޕީއެމުންކަމަށެވެ. އެދުވަހުގެ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވަނީ ފުލުހުން އެސަރަހައްދަށް ގޮސްގެންނެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެކަން ދޮގުކޮށްފައެވެ.