ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކޮވިޑް-19އަށް ވެކްސިން ޖެހުމަށް މާލެ ގެނައުމުން ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްދަވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ތަރުޖަމާނު އަހްމަދު ނަސީމް ވިދާޅުވީ ވެކްސިން ޖެހުމަށް ރައީސް ޔާމީން މާލެ ގެނެސްފައި ވަނީ މިރޭ 09:45 ހާއިރު ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވުމުން އަނބުރާ މާފުށި ޖަހަށް ގެންގޮސްފައި ވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ވެކްސިން ޖެއްޖެވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާފައި ވާއިރު ޔާމީން މާލެ ގެނައީ، ވެކްސިން ޖަހާކަން ޔާމީނަށް އަންގަވާފައި ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވިއެވެ. އަދި ޔާމީން ވެކްސިން ޖައްސަވަން ދެކޮޅު ހެއްދެވި ސަބަބެއްވެސް ސާފެއް ނުވެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިިންތިހާބުގައި ރައީސް ޔަމީނު ވޯޓުލައްވާފައެއް ވެސް ނުވެއެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީނަށް ވޯޓު ލެއްވޭނެ އިންތިޒާމެއް ކަރެކްޝަނުން ހަމަޖައްސާ ނުދިނީ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. އަދި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.