ރާއްޖޭގެ ސިޔާސީ މިސްރާބު ހުރީ ރަށްވެހި ފަތިހަކާ ދިމާލަށް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން އެމަނިކުފާނު އެއްޗެއް ވިދާޅުނުވުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެކަން ފާހަގަ ކުރެއްވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއް ޕާޓީއެއްގެ ނަތީޖާ އެހާ ބޮޑަށް މޮޅުވެގެން ދާ ދިޔުން މަޖިލީހުގެ ރައީސްގެ ގޮތުން ފާހަގަކުރުން އެއީ ކޮންކަހަލަ ކަމަކަށް ވެދާނެތޯ ވިސްނަވާލެއްވުމުގެ ގޮތުން އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުނުވީ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ލޯކަލް ކައުންސިލް އިންތިހާބެއްގައި ވެސް އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކަމަށާއި، އަދި ޕީޕީއެމުން ވެސް ކާމިޔާބު ހޯދާކަން ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ކުރިން އެ ޕާޓީ އަށް ނުލިބޭ ދާއިރާތަކާއި ހާއްސަކޮށް މާލޭގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކޮށްފައިވާކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ކުރީގެ އިންތިހާބުތަކުގެ ނަތީޖާ އާއި މިއިންތިހާބުގެ ނަތީޖާ އާ މާބޮޑު ތަފާތެއް އައި ކަމަކަށް ނުފެންނަ ކަމަށާއި ރާއްޖޭގެ ސިޔާސީ ތަބީއަތް ހުރި ގޮތަށް މިސްރާބު ޖަހާފައި ހުރީ އޭގެ މަންޒިލަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ލަފާކުރެވެނީ ރަށްވެހި ފަތިހަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.