ދިވެހި ސުފުރާތަކާ އެންމެ ރައްޓެހި މޭވާތަކުގެ ތެރެއިން ދޮންކޭލަކީ އެ މޭވާއެއްގައި، ހަށިގަނޑަށް ބޭނުންވާ މުހިންމު ފައިދާތަކެއް އެކުލެވިގެންވާ ހާއްސަ މޭވާއެކެވެ. ބަރަކާތްތެރި ރަމަޟާން މަހު ބާއްވާލެއްވުނު، މާތް ﷲގެ ކަލާމްފުޅުގައިވެސް އެ މޭވާއެއްގެ ނަން ގަނެވިގެންވާ މޭވާއެކެވެ.
އަލް-ވާޤިޢާ ސޫރަތުގައި، ސުވަރުގެ ސިފަކުރައްވާ އެކާލަންގެ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ:
"ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ. އަދި ފެތުރިގެންވާ ހިޔަލުގައެވެ. އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ."
(އަލް-ވާޤިޢާ ސޫރަތް: 29-31)
ބާވައްތަކާ މާއްދާތައް
ދޮންކޭލުގެ ތެރޭގައި ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި މާޅޮސް ކެޔޮ، ފުސްކެޔޮ، ބޮންތި ރަތްކޭލާއި މިނޫންވެސް ވައްތަރުތައް ހިމެނެއެވެ. ދޮންކޭލަކީ، އެކި އުމުރުގެ މީހުންނަށް ބޭނުން ކުރެވޭ ފަދަ މަޑުކަމެއްވެސް ލިބިފައިވާ، ކާލަން ފަސޭހަ މޭވާއަކަށް ވާއިރު، މި މޭވާގެ ސިއްހީ ފައިދާތައް އިންތިހާއެވެ.
ދޮންކޭލުގައި ހިމެނޭ އަސާސީ މާއްދާތަކުގެ ތެރޭގައި ހަކަތަ، ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް، ފެޓް އަދި ފައިބަރު ހިމެނެއެވެ. ވިޓަމިންތަކަށް ބަލާއިރު، ފޯލިކް އެސިޑް، ނިއެސިން، ވިޓަމިން އޭ، ވިޓަމުން ސީ، ވިޓަމިން އީ އަދި ވިޓަމިން ކޭގެ އިތުރުންވެސް ތަފާތު ވިޓަމިންތައް ހިމެނެއެވެ. ދޮންކޭލަކީ މައުދަނުގެ މުއްސަނދިކަންވެސް ލިބިފައިވާ މޭވާއެކެވެ. އޭގެ ތެރޭގައި ކެލްސިއަމް، ކޮޕާ، ދަގަނޑު، މެގްޒީނިއަމް، މެންގަނީޒް، ފޮސްފަރަސް، ސިލެނިއަމް އަދި ޒިންކް އެކުލެވިގެންވެއެވެ.
ސިއްހީ ފައިދާ
ކުރިންވެސް ދެންނެވި ފަދައިން، ދޮންކޭލުގެ ސިއްހީ ފައިދާތައް އިންތިހާއެވެ. އެހެންކަމުން، ބައެއް ފައިދާތައް ހިއްސާ ކުރާނަމެވެ.
ބޭރަށްހިންގުމާއި ބަނޑުހިކުން : ދޮންކޭލުގައި ފައިބަރު ހުރުމަކީ ގޮހޮރުގެ ހަރަކާތް ހަމައަކަށް އަޅުވައިދޭ ކަމެކެވެ. ބޭރަށް ހިންގުމަކީ ހަށިގަނޑުގައި ހިމެނޭ ލޮނުގެ ބައި މަދުވެ، އޭގެ ހަމަހަމަކަން ގެއްލޭކަމެކެވެ. ދޮންކޭލުގައި ޕޮޓޭސިއަމް ވަރަށް ގިނައިން ހުރެއެވެ. އެހެންކަމުން ބޭރަށްހިންގުން ޖެހުމުން ދޮންކެޔޮ ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. ސަބަބަކީ ބޭރަށްހިންގުމުގެ ސަބަބުން އުނިވެގެންދިޔަ، ޕޮޓޭސިއަމްގެ މިންވަރު ހަމައަކަށް އަޅުވާލުމަށް ދޮންކެޔޮ ބޭނުންކުރުން އެހީތެރިވެދޭތީ އެވެ.
މެއިން ދިލަނެގުން : ދޮންކޭލުގައި ތޮބީއީ ގޮތުން ވެސް ބަނޑުގައި އުފެދޭ ވައިގެ މައްސަލަ ރަގަޅުކޮށްދިނުމުގެ ބާރު އެކުލެވިފައި ވެއެވެ. އެހެންކަމުން ބަނޑުގައި ވައިހެދުމުން ދިމާވާ މޭއެންދުން ނުވަތަ މެއިން ދިލަނެގުމުގެ އުނދަގޫ، ދޮންކެޔޮ ބޭނުންކުރާނަމަ ކުޑަވާކަމަށް އިލްމީ ލިޔުންތަކުގައިވެއެވެ.
މާބަނޑު ދުވަސްވަރު ހޮޑުލުން: މާބަނޑު ދުވަސްވަރު، އެއްފަހަރު ކެއުމާއި އަނެއްފަހަރު ކެއުމާއި ދެމެދު ދޮންކެޔޮ ވަކެއް ބޭނުންކުރުމުން، ލޭގައި ހަކުރުގެ މިންވަރު މަތިވެ، މާބަނޑު ދުވަސްވަރު ދިމާވާ ބޯއެނބުރުމާއި، މޭނުބައިކޮށް ހޮނޑުލެވުމުގެ މައްސަލައަށް ލުއިކަން ގެނެސްދޭނެއެވެ.
ސިކުނޑިއާއި، ނާރުތަކުގެ ދިރުން : ދޮންކޭލަކީ ވިޓަމިން ބީގެ ވައްތަރުތައް ވަރަށް ގިނައިން ހުންނަ މޭވާ އެކެވެ. ވިޓަމިން ބީގެ ވައްތަރުތަކަކީ ހަށިގަނޑުގައި ސިކުނޑިން މޫލައިގެން ނިކުމެ، ހަށިގަނޑުގެ ހަރަކާތްތަކާއި އިހްސާސްތައް ކޮންޓްރޯލްކޮށްދޭ ނާރުތަކުގެ މަސައްކަތަށް ބޭނުންވާ މާއްދާ ތަކެކެވެ.
ދޮންކޭލުގައި ޕޮޓޭސިއަމް ގިނައިން ހުރުމަކީ ސިކުނޑީގެ ލޭހޮޅިއެއް ފިތިގެން ނުވަތަ ފަޅައިގެން ގޮސްގެން ސްޓްރޯކްޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، ގަވައިދުން ދޮންކެޔޮ ބޭނުންކުރުމަކީ ސިކުނޑީގެ މަސައްކަތްތައް ފުރިހަމަވެ، ވިސްނުން ރަގަޅުކޮށްދޭ ކަމެކެވެ. ސަބަބަކީ ދޮންކެޔޮ ބޭނުންކުރުމުން އޭގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން ލޭދައުރުވުން ރަގަޅުކޮށްދީ ސިކުނޑިއަށް ލެޔާއެކު އޮކްސިޖަން ފޯރުކޮށްދިނުން އިތުރުވެގެންދާތީ އެވެ.
4 ބާވަތުން ދޮންކެޔޮ ބާ
ބޭނުންވާނެ ތަކެތި
- އޯޓްސް (ރޯލްޑް އޯޓްސް، ނުވަތަ ކީނުއާ ފްލޭކްސް)
- ޕީނަޓް ބަޓަރު (އާމަންޑް ބަޓަރުވެސް ޚިޔާރު ކުރެވިދާނެ)
- ޗޮކްލެޓް ޗިޕްސް
- ދޮންކެޔޮ
ތައްޔާރު ކުރާނެ ގޮތް
- ޗޮކްލެޓް ޗިޕްސްކޮޅުތައް ފިޔަވާ އެހެން ހުރިހާ ބާވަތެއް، ބޮޑު ބޯތައްޓެއްގައި އެއްކޮށްލާ. ދޮންކެޔޮ، ޕީނަޓް ބަޓަރު އަދި އޯޓްސް ރަނގަށް އެއްވަންދެން އެއްކޮށްލާ.
- ރަބަރު ސްޕެޗޫލާއެއް ބޭނުންކޮށްގެން ޗޮކްލެޓް ޗިޕްސްތައް އެއްކޮށްލާ. އަދި މައްޗަށް އަޅަން، ކޮންމެވެސް ވަރަކަށް ޗޮކްލެޓް ޗިޕްސްކޮޅެއް ބާކީ ކުރަން ވާނެ.
- ހަތަރެސްކަން ޕޭންއަކަށް އެޅުމަށްފަހު ރަނގަޅަށް ފަތުރާލާ. އަދި ޗޮކްލެޓް ޗިޕްސްތައް މައްޗަށް އަޅާލާ.
- 12-15 ވަރަކަށް މިނެޓް ވަންދެން ފިހެލޭ. ރަނގަޅަށް ފިހެ ނިމޭނީ ރަން-މުށި ކުލައަކަށް ދޮންކެޔޮ ބާގެ އަރިމަތީގެ ކުލަ ބަދަލުވުމުން.
- ބޭނުން ބޮޑު މިނަކަށް ދޮންކެޔޮ ބަތައް ކެފުމުގެ ކުރިން، އެއްކޮށް ހިހޫ ކުރަން ވާނެ.
ހަށިގަނޑުން ލޭ މަދުވުމުގެ މައްސަލައަށްވެސް ދޮންކޭލުން ލުއި ލިއްބައިދެއެވެ. އަދި ކަށިތައް ވަރުގަދަ ކުރުމަށްވެސް ދޮންކެޔޮ އެހީވެދެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން މަސައްކަތް ކުރާ މީހުންވެސް ދޮންކެޔޮ ބޭނުން ކުރުން ބުއްދިވެރިއެވެ.