ރޯދަ މަސް ފެށުމުގެ ކުރިން ރޯދައަށް ކައްކާނެ ކިތަންމެ އެއްޗެއް ސިކުނޑީގައި ހުއްޓަސް، ކައްކާ ގަޑި ޖެހިގެން ދާއިރުވެސް ގިނަ ބަޔަކު ތިބެނީ މިއަދު ތައްޔާރު ކުރާނެ އެއްޗެއް ނޭނގިފައެވެ. އެއީ ރޯދަ ވީއްލަ ގަޑިއަށް، ތަރާވީހަށް އަދި ހާރަށް ވިޔަސް އެވެ. އެހެންކަމުން މިއަދު ބަލާލާނީ، ތަރާވީހަށް ނުވަތަ ހާރަށް ކުކުޅު ތައްޔާރު ކޮށްލެވޭނެ މީރު ގޮތަކަށެވެ.

ލެމަން ޕެޕާ ޗިކަން ތައްޔާރު ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

ބޭނުން ވާނެ ތަކެތި:

  • 1 ކިލޯ ކުކުޅު
  • 1 ލުނބޯ
  • 2 ސައިސަމުސާ އަސޭމިރުސް (ކުނޑި)
  • 1/4 1 ސައިސަމުސާ ލޮނު
  • 1 މޭޒުމަތީ ސަމުސާ އިނގުރު
  • 1 މޭޒުމަތީ ސަމުސާ ލޮނުމެދު
  • 3/4 ތަށި ޕްލެއިން ޔޯގަޓް (1 ސައިސަމުސާ ހަކުރާއެކު)
  • 1/2 2 މޭޒުމަތީ ސަމުސާ ކުކިން އޮއިލް
  • 1 މޭޒުމަތީ ސަމުސާ ބަޓަރު
  • 2 ބޭ ލީފް
  • 6 އަސޭ މިރުން
  • 2 ފޮނިތޮށިކޮޅު
  • 6 ދިގު މިރުސް ނުވަތަ ލުނބޯ ފޮތި (ބޭނުން ނަމަ)
  • 1/2 1 ސައިސަމުސާ ކޯންސްޓާޗް (1/2 ތަށި ފެނާއެކު)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅު ހަން ނޮޅާ، ސާފުކޮށްލުމަށްފަހު ވަޅި އަޅާފައި ތައްޓަކަށް ލާށެވެ. ކުކުޅު ތަށީގެ ތެރެއާށް ލުނބޮލުގެ އެއްފަޅި، ހުތް ފެލުމަށްފަހު އަޅާށެވެ. ދެން އެއަށް 1/2 1 ސައިސަމުސާ އަސޭމިރުސް ކުނޑިއާއި 1/4 1 ސައިސަމުސާ ލޮނު، 1 މޭޒުމަތީ ސަމުސާ އިނގުރު އަދި 1 މޭޒުމަތީ ސަމުސާ ލޮނުމެދު ލާށެވެ. އަދި އެއްކުރި ހަކުރާއި ޔޯގަޓް އޭގެ ތެރެއަށް ލުމަށްފަހު ރަނގަޅަށް މޮޑޮލާށެވެ. އަދި ކުކުޅު 30 މިނިޓް ވަންދެން މެރިނޭޓް ކުރާށެވެ.

ދެން ތަވައެއް އުދާލުމަށްފަހު އެޔަށް ތެލާއި ބަޓަރު އަޅާލާށެވެ. ބަޓަރު ރަނގަޅަށް ވިރެން ފެށުމުން ބޭ ލީފް އަދި އަސޭމިރުހާއި ފޮނިތޮށި އަޅާ އެއްކޮށްލާށެވެ. އެއަށްފަހު މެރިނޭޓް ކުރި ކުކުޅު އެޅުމަށްފަހު ރަނގަޅަށް ފިހެލާށެވެ. ކުކުޅުގެ ކޮންމެ ފަޅިއެއް 2 މިނިޓް ވަންދެން ފިހެލުމަށްފަހު، ކުކުޅު މެރިނޭޓް ކުރަން ތައްޔާރު ކުރި ތަށީގައި ބާކީ ހުރި އެއްޗެއް އަޅާ އެއްކޮށްލާށެވެ. އަދި 25 މިނިޓް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. އެއަށްފަހު ދިގު މިރުހާއި، 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތާއި 1/2 ސައި ސަމުސާ އަސޭމިރުސް ކުނޑި އަދި ފެނާއި އެއްކުރި ކޯންސްޓާޗް އަޅާ އެއްކޮށްލާށެވެ.

މިއީ ލެމަން ޕެޕާ ޗިކަން ތައްޔާރު ކުރާނެ ގޮތެވެ. މިއީ ބަތް، ރޮށި ނުވަތަ ފަރާޓާ އާއެކު ވެސް ކެވިދާނެ މީރު ކެއުމެކެވެ.