އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމްއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 1-3 އަކުން ޔުނައިޑެޓް ކާމިޔާބުކޮށްފިއެވެ.
މެޗުގައި ފުރަތަމަ ލަނޑެއް ޖެހީ ޔުނައިޓެޑުންނެވެ. އެހެން ނަމަވެސް އެޓީމުގެ ފޯވަޑް އެޑިންސަން ކަވާނީ ޖެހި ލަނޑަކީ ޔުނައިޓެޑްގެ ކުޅުންތެރިއެއް ފައުލެއް ކޮށް ޖެހި ލަނޑެއް ކަމަށް ނިންމާ މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މިލަނޑު ރަނގަޅު ނޫން ކަމަށް ނިންމާފައެވެ.
މިއަށް ފަހުން ދެން ފެނުނީ ޓޮޓެންހަމުން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިތަނެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ހިއުންމިން ސޮން އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ލޫކަސް މައުރާ ދިން ޕާހަކުންނެވެ.
ޓޮޓެންހަމް ކުރީގައި އޮވެ ފުރަތަމަ ހާފް ނިންމާލި ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ޔުނައިޓެޑުން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އަދި ދެވަނަ ހާފް ފެށިތާ މާގިނަ އިރު ތަކެއް ނުވެ އެޓީމުން ލަނޑެއް ޖަހާ މެޗުގެ ސްކޯ ހަމަހަމަ ކުރިއެވެ. މެޗުގެ 57 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފްރެޑްއެވެ.
މެޗުގެ 79 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ފޯވަޑް އެޑިންސަން ކަވާނީ ޖަހާ ދިން ލަނޑާ އެކު މެޗުގެ ސްކޯ 1-2 އަކަށް އެޓީމުން ހެދިއެވެ. އަދި މެޗު ނިމެން ދަނިކޮށް ޒުވާން ފޯވަޑް މޭސަން ގްރީންވުޑް ޖެހި ލަނޑާ އެކު މެޗުގެ ނަތީޖާ ޔުނައިޓެޑުން ކަށަވަރުކުރިއެވެ.
ޓޮޓެންހަމްގެ މައްޗަށް ހޯދި މޮޅާއެކު ޔުނައިޓެޑް މިވަނީ ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާއި 11 ޕޮއިންޓް ކައިރިއަށް ޖެހިލާފައެވެ. އެއީ 31 މެޗު ކުޅެ 63 ޕޮއިންޓް ހޯދައިގެންނެވެ.
މިމެޗުން ދަށްވި ޓޮޓެންހަމް މިވަނީ ތާވަލުގެ ގަދަ ހަތަރަކާ ހައްތަހާ ދުރަށް ވެއްޓިފައެވެ. އަދި މި ސީޒަންގައި އެޓީމަށް ގަދަ ހަތަރެއް ކަށަވަރު ނުކުރެވޭނެ ކަން މިހާރު މިވަނީ ގާތްގަނޑަކަށް ޔަޤީން ވެފައެވެ.