އެމްޑީޕީގެ "ލީޑާޝިޕަށް" މާލޭ މީހުންގެ އަޑު އިވެއްޖެ ކަމަށް ހީކުރައްވާ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ އެހެން ވިދާޅުވީ އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ނަތީޖާތަކާއި ގުޅިގެންނެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ "ލީޑަޝިޕަށް" މާލޭ މީހުންގެ އަޑު އިވުނު ކަމަށް ހީކުރާ ކަމަށާއި އަދިވެސް ބޭނުންވަނީ އެމްޑީޕީ ކަމަށެވެ. ނަމަވެސް އެއީ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ އެމްޑީޕީއެއް ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ޓެގުކޮށް ސުވާލެއް ކޮށްފައެވެ.

އޭގެއިތުރުން މާލޭ މީހުން މިފަހަރު އަޑުގަދަކުރީ އަނގަ ލައްޕައިގެން ތިބެ ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ. އަދި ހަސަން ލަތީފް ޓެގުކޮށް އެދުރުންނާއި ދަރިވަރުން ހަނގާކުރަން ނުކުތުމަކީ މޮޔަކަމެއް ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އިބްރާ ވަނީ އެމްޑީޕީގެ ސަރުކާރެއް އޮވެ، ރައްޔިތުންގެ މަޖިލީހުގެ 75 ޕަސަންޓް އޮވެގެން ވެސް ލޯކަލް ކައުންސިލް އިންހާބުގައި އެހާ ދެރަ ނަތީޖާއެއް ލިބެންވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ސުވާލަކީ ސަރުކާރު އޮވެ، މަޖިލީހުގެ 75 ޕަސަންޓް އޮވެ، ލޯކަލް ކައުންސިލް އިންތިހާބުގައި މިހާ ދެރަ ނަތީޖާއެއް ޕާޓީއަށް ލިބެންވީ ކީއްވެ ހެއްޔެވެ؟
އިބްރާހިމް އިސްމާއީލް (އިބްރާ)

މިފަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކުރިން މެޖޯރިޓީ ހޯދަމުން އައި ގިނަ ގޮނޑިތަކެއް ވަނީ އިދިކޮޅު ޕީޕީއެމުން ހޯދާފައެވެ.

އެގޮތުން މާލޭގެ މޭޔަރުކަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާފައިވާ އިރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން މިހާތަނަށް 12 ގޮނޑި ނެގީ ޕީޕީއެމް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.