އިންތިހާބު ތަކުގައި އާދަޔާ ހިލާފު ކެމްޕޭން ސްޓްރެޓަޖީއެއް ގެންގުޅޭ އެމްޑީޕީއަށް މިފަހަރު މިވީ ކިހިނެއްހެއްޔެވެ؟ ޕީޕީއެމްގެ މެންބަރުން، އެމީހުންގެ އޮފީހުންވެސް ނުކުތަ ނުދީ ހިފަހައްޓައިގެން އުޅުނީމާވެސް މި ނުކުތް ނަތީޖާއާ މެދު އަޅެ ހައިރާނެއް ނުވޭ ހެއްޔެވެ؟

ފޮއްޓަކަށް ފަހު ފޮއްޓެއް ގުނަމުން ދާއިރު ނަތީޖާ އަންނަނީ މުޅިން ރުކަށެވެ. ތިލަފަތަށް ބަރު ވާ ގޮތެއް ނުވިއެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ބަޖެޓު ހިތަކަށް ލިބިފައި މެ މިވީ ގޮތަކާ މެދު ވިސްނާކަށް ބޭނުމެއް ނުވޭ ހެއްޔެވެ؟

"ވަރަށް ސާފު އިނގޭތޭ، ފެނިގެން މިދިޔައީ ސަރުކާނާ މެދު ރައްޔިތުން މާޔޫސްވެފައި ވާ ތަން" އެމްޑީޕީގެ ސީނިއާ ބޭފުޅަކު ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމާލަން އެމްޑީޕީން އއ. ރަސްދޫ ބަނދަރުމަތީގައި ރުއްކަރަ މަތިން "ރަށްވެހި ފަތިސް" ދައްކާލީމައި ކުޑަ އުއްމީދެއް ލިބުނެވެ. އެމްޑީޕީގެ ސަޕޯޓަރުންގެ އެ އުއްމީދު އިތުރަށް އާވީ އެޕާޓީގެ ރައީސްގެ މޮޅު ބަސްކޮޅުންނެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖޯޝާއި ފޯރީގައި ވިދާޅުވީ، ހާލި ހަދަނީވެސް އެމްޑީޕީން ކަމަށާއި އެ ހާއްޔަށް ބިސް އަޅާނީވެސް އެމްޑީޕީން ކަމަށާއި އެ ބިސް ފީކޮށް ވިއްސާ، އެ ދޫނި ދޫކޮށްލާނީވެސް އެމްޑީޕީ ކަމަށެވެ.

އެތައް ބަޔަކު އަތް ޖެހީ ނަޝީދުގެ އެ ހިތްވަރުން އުފާ ހޯދަމުންނެވެ. އެ ފޯރީގައި އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ، ޕީޕީއެމް އިން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ހިތްވަރު އެލޭނެ އެތައް ވާހަކައެއް ދައްކަވާފައެވެ. "މުޅި މާލެ ފުނޑާލި" ކަމަށް ވިދާޅުވެ ވިއްސާރަ ކޮޅެއް ވެހިލާ އިރަށް މާލޭގެ މަގުތަކުން އަރަނީ "މުއިއްޒު" ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. އެ ފުލުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އަދި އެހެން ބޭފުޅުންގެ ވާހަގައިގެ މުޅި ފޯކަސް ގެންދެވީ މުއިއްޒުގެ ފަހަތުންނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުއިއްޒު އޭރުވެސް ވިދާޅުވަމުން ގެންދެވީ ބަޔަކު ކުރާ އެންޓި ކޭމްޕޭނަކުން ހިތްވަރު ނޭލޭނެ ކަމަށެވެ. އަދި ދޮރުން ދޮރަށް، "އެކަނި" ހިންގަވާ، ކެމްޕޭން ކުރެއްވިއެވެ. އެ ކެމްޕޭނާ އެކު މުއިއްޒު މާލޭގެ މޭޔަރުކަން މިއަދު ކާމިޔާބު ކުރެއްވުން ވެގެން ދިޔައީ، އެމްޑީޕީއާއި ސަރުކާރާއި އިސްވެރިންގެ "ކަންފަތްމަތީގައި އަޅާ ވިހެލުމަށް" ނޫންހެއްޔެވެ.

އެމްޑީޕީ އުފެދުނީއްސުރެ މި ވަރު ބޮޑު ލަދެއް މާލެއަކުން އެމްޑީޕީއަކަށް ނުލިބެއެވެ.

"ހުރިހާ ކަމެއް "މުއިއްޒު ކުރި" އެމްޑީޕީ މިއަދު އެ ތިބީ "މުއިއްޒު" ވެފަ، ސާފު ވާ ކަމަކީ ރައްޔިތުން ފްރަސްޓްރޭތް ވެއްޖެ ކަން، ސަރުކާމެދު މާޔޫސްވެއްޖެކަން، ރައީސް ސޯލިހާއި ރައީސް ނަޝީދަށް ރައްޔިތުން އިތުބާރު ނުކުރާ ކަން"
ޕީޕީއެމްގެ ކައުންސިލް މެންބަރެއް

މިއަދު މާލޭގެ ކައުންސިލަށް ހޮވުނު ޕީޕީއެމްގެ ބައެއް މެންބަރުން ވިދާޅުވީ، މިއަދުގެ މި ނަތީޖާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ނަޝީދު މިހާރު "ގެއަށް ވަންނަން ވީ" ކަމަށް ވެސް އެ މެންބަރުން ވިދާޅުވިއެވެ.

މިރޭ ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅިގެން ޕީޕީއެމް އިން ބުނީ މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލަން ޖެހޭ ކަމަށާއި، ޔާމީން ޖަލުގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށެވެ.

މިއަދު ވޯޓުލުން ކުރިއަށް ދިޔަ އިރު، "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މާލޭގެ މޭޔަރުކަން އެމްޑީޕީ ކެމްޑިޑޭޓު ކާމިޔާބު ކުރާނެ ކަމަށާއި، 60 ޕަސެންޓަށް ވުރެ މަތިން ކާމިޔާކު ކުރާނެ ކަމަށް ރައީސް ސޯލިހު ކުރެއްވި އަންދާޒާވެސް ދިމައެއް ނުވިއެވެ. ކަން ނިމުނީ ދިމާ އިދިކޮޅަށެވެ.

އެމްޑީޕީގެ ހާލި "މުއިއްޒު" ވެ ނިމިއްޖެއެވެ.