ކ. ދިއްފުށީގައި ކަރަންޓީނުގައި 500 މީހުން ތިބުމުން، ވޯޓުލުމުގެ ވަގުތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު އެހެން ވިދާޅުވީ ގައުމީ ލަފާދޭ ކޮމިޓީއާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޝަރީފު ވިދާޅުވީ ދިއްފުށީގައި 700 އެއް ހާ މީހުން ވޯޓުލާން ރަޖިސްޓާ ކޮށްފައި ވާ ކަމަށެވެ. އެހެން ނަމަވެސް އާންމު ހާލަތުގައި، ނުވަތަ ކަރަންޓީނުން ބޭރުގައި 200 މީހުން އެބަތިބި ކަމަށް ޝަރީފު ވިދާޅުވިއެވެ.
އެގޮތުން ބާކީ ތިބި 500 މީހުން ވޯޓުލާން ޖެހޭނީ ހަވީރު 5:00 އިން 6:00 އާ ދެމެދު ކަމަށާއި އެވަގުތުކޮޅު ތެރޭ އެ އެންމެން ވޯޓު ލުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.
އެހެން ކަމުން ދިއްފުށީގައި އާންމުންނަށް ވޯޓު ލެވޭނީ މެންދުރު 2:00 އާ ހަމައަށް ކަމަށް އިލެކްޝަން އެޑްވައިޒަރީ ކޮމިޓީން ނިންމާފައިވާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.
އެ ކޮމިޓީން މިފަދައިން ނިންމާފައިވާއިރު އެރަށުގައި 130 އެކްޓިވް ކޭސް އެބައުޅެއެވެ. އެއީ 123 ދިވެހިންނާއި 7 ބިދޭސީންނެވެ.
މި އިންތިހާބުގައި ޖުމްލަ 713 ފޮއްޓަކަށް ވޯޓުލާން ހަމަޖެހިފައިވާއިރު މާލެ، ހުޅުމާލެ ވިލިމާލެގައި 242 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަތޮޅުތައް، ކުޅުދުއްފުށި ސޮޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި 325 ވޯޓު ފޮށި ބަހައްޓާފައިވާއިރު ރިސޯޓުތަކުގައި 137 ވޯޓު ފޮށި އަދި ޖަލުގައި 4 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި ލަންކާގައި ހަތަރު ފޮށި އަދިި އިންޑިއާގައި އެއް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 2234 ކެންޑިޑޭޓުން ކުރިމަތި ލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1580 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.