ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ގިނަ ކ. ހުރާ އިން ޕޮޒިޓިވް ވި މީހުންގެ އަދަދު 150 އަށް އަރައިފިއެވެ.

ހުރާ ހެލްތު ސެންޓަރުން ބުނީ އިތުރު މީހަކު ބައްޔަށް ޕޮޒިޓިވް ވެ، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 150 އަށް އަރާފައިވާ ކަމަށެވެ. އަދި ނަތީޖާ ނުލިބޭ 53 ސާމްޕަލް އެބައޮތް ކަމަށް ވެސް ހެލްތު ސެންޓަރުން ބުނެއެވެ.

އޭގެ އިތުރުން އެކްޓިވް ކޭސްގެ ގޮތުގައި 121 ކޭސް އޮތް އިރު މިހާތަނަށް 29 މީހުން ރަނގަޅުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ވަނީ ބުނެފައެވެ.

ހުރާ އިން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ހުރާ މޮނީޓަރިން ހާލަތަށް ގެންދިޔަ އިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ހުރާގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

ރާއްޖެއިން އިއްޔެ ޕޮޒިޓިވްވި 145 މީހުންނާއެކު ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 25،053 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި 3079 މީހުން ތިބި އިރު، މިހާތަނަށް 21،898 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށް 73 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ މަރުވެފައެވެ.