ރޯދަ މަހު ކޮންމެ މީހަކު ވެސް ބަލާނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭ، މީރު އެއްޗެއް ތައްޔާރު ކޮށްލެވޭތޯއެވެ. އެގޮތުން މިއަދު މި ބަލާލަނީ ކުޅި އެއްޗަކަށެވެ.

ގާލިކް ޕޮޓޭޓޯ ވެޖެސް ތައްޔާރު ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

ބޭނުން ވާނެ ތަކެތި:

  • 4 އަލުވި
  • 2 ސައި ސަމުސާ ބަޓަރު
  • 1 ސައި ސަމުސާ ލޮނުމެދު (ހިމުންކޮށް ކޮށާފައި)
  • 1/4 ތަށި ފުށް
  • 1/4 ސައި ސަމުސާ އޮރެގާނޯ
  • 1/4 ސައި ސަމުސާ ޗިލީ ފްލޭކްސް
  • ކުޑަ ލޮނު ކޮޅެއް (ރަހަ ލާ ވަރަށް)
  • 1/8 ސައި ސަމުސާ އަސޭ މިރުސް
  • 1 މޭޒުމަތީ ސަމުސާ ކޮރިއެންޑާ ފަތް
  • ފެން

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އަލުވިީގެ ތޮށި މަށާލުމަށް ފަހު ދިގުކޮށް 4 އަރިއަށް ކޮށާލާށެވެ. އަދި ފެނަށް ލާ 30 މިނިޓް ވަންދެން ފޯކޮށްލާށެވެ. އެއަށްފަހު ތެއްޔަކަށް 2 ތަށި ފެން އަޅާ ހޫނު ކޮށްލުމަށްފަހު، އެއަށް އަލުވި އަޅާ، 5 މިނިޓް ވަންދެން ކައްކާލާށެވެ.

ދެން، ލޮނުމެދާއި ބަޓަރު އެއްކޮށްލުމަށްފަހު 1 މިނިޓް ވަންދެން މައިކްރޮވޭވް ކޮށްލާށެވެ. އެއަށްފަހު ކުޑަކޮށް އެއްކޮށްލުމަށްފަހު ފިނި ކުރަން ބަހައްޓާށެވެ.

އެހެން ތައްޓަކަށް ފުށް، އޮރެގާނޯ، ޗިލީ ފްލޭކް، އަސޭ މިރުސް އަދި ލޮނު އެޅުމަށްފަހު އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން 1/3 ތަށި ފެން އެޅުމަށްފަހު ސޯސްގަނޑަކަށް ވަންދެން ގިރާލާށެވެ. އެއަށްފަހު ސޯސްގަނޑުގެ ތެރެއަށް އަލުވި އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް ސޯސްލުމަށްފަހު އަލުވި ތެލުލާލާށެވެ.

އަލުވި ތެލުލާ ނިމުމުން، ފިނިކުރަން ބެހެއްޓި ބަޓަރާއި ލޮނުމެދު އެތި ތެރެއަށް އަޅާލާށެވެ. އަދި އެއަށް ކޮރިއެންޑާ ފަތް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

މިއީ ގާލިކް ޕޮޓޭޓޯ ވެޖެސް ތައްޔާރު ކުރާނެ ގޮތެވެ. ބޭނުން ނަމަ މައްޗަށް ޗީޒް ކޮޅެއް ބުރުވާލައިގެން ވެސް ކެވިދާނެއެވެ. ރަހަ މީރު ކޮށްލުމަށް ބޭނުން ވައްތަރެއްގެ ސޯސްއާއެކު ކާލެވޭނެއެވެ.