އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވުލްވާހެމްޓަން ވޮންޑަރާސް (ވުލްވްސް)އާއި ވެސްޓް ހޭމް ބައްދަލުކުރި ވާދަވެރި މެޗު 2-3 އަކުން ވެސްޓް ހޭމް ކާމިޔާބުކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ހާފްގައި ވެސްޓް ހޭމްގެ ފަރާތުން ތިން ލަނޑު ފެނިގެން ދިޔަ އިރު އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 6 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިސީޒަންގައި މެންޗެސްޓާ ޔުނައިޓަޑުން ވެސްޓް ހޭމާ ލޯނަށް ގުޅުނު ޖެސީ ލިންގާޑެވެ. އޭނާ ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
ވެސްޓް ހޭމްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޕަބްލޯ ފޯނާލްސްއެވެ. މި ލަނޑު އޭނާ ޖެހީ މެޗުގެ 14 ވަނަ މިނެޓްގައެވެ. އެޓީމުގެ ތިން ވަނަ ލަނޑު ޖަހާ 0-3 އަކަށް ސްކޯ ހެދީ ޖެރޯޑް ބޯވެންއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ވުލްވްސްއިން ވަނީ ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. މި ގޮތުން މެޗުގެ 44 ވަނަ މިނެޓްގައި އެޓީމަށް ލަނޑެއް ޖަހާ ދިނީ ޑެންޑޮންކާއެވެ.
ދެވަނަ ހާފްގައި ފެނުނީ ވުލްވްސްގެ ކުޅުން ވަރުގަދަކޮށް އިތުރު ލަނޑުތަކެއް ޖަހަން މަސައްކަތް ކުރި ތަނެވެ. މިމަސައްކަތުގައި އެޓީމު ކާމިޔާބުވި އިރު މެޗުގެ ސްކޯ 2-3 ހަދާދިން ލަނޑު އެޓީމަށް ޖަހާ ދިނީ 68 ވަނަ މިނެޓްގައި ފަބިއޯ ސިލްވާއެވެ.
އެހެން ނަމަވެސް ސްކޯ ހަމަހަމަ ކުރާނެ އިތުރު ލަނޑެއް ވުލްވްސްއަށް ނުޖެހި މެޗު ނިމުނީ ވެސްޓް ހޭމް މޮޅުވެގެންނެވެ.
މިމޮޅާއި އެކު ވެސްޓް ހޭމް މިވަނީ އިންގްލިޝް ޕްރިމިއާ ލީގު ތާވަލުގެ ހަތަރު ވަނައަށް އަރާފައެވެ. އެއީ ކުޅުނު 30 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުން ބަލިވި ވުލްވްސް އޮތީ ތާވަލުގެ 14 ވަނައިގައެވެ. އެއީ 30 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.