ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާކުރި ތިން މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު، ގއ. މާމެންދޫގައި، އުމުރުން 17 އަހަރުގެ ދެކުދިންނަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެކުދިންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަށް ލިބި، އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން ކުއްޖަކު މަރުވެފައިވާ މައްސަލާގައި ދައުވާތައް ކުރުމަށް ކުރުމަށް ޖުވެނައިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް މައްސަލަަ ހުށަހެޅީ މިދިޔަ މަހުއެވެ.

އެ މައްސަލައިގައި މިއަދު އަޑުއެހުން ބާއްވާފައިވާއިރު މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ އެ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ޗުއްޓީގައި ހުންނެވުމުން އެ ސެކްޝަނާއި ހަވާލުވެ ހުންނެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ އެ ތިން މީހުންގެ ބަންދަށް 30 ދުވަސް އިތުރު ކުރުމަށް ނިންމާފައެވެ.

އެ މައްސަލައިގައި 18 އަހަރުން މަތީގެ ތިން މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކަށް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ. ކްރިމިނަލް ކޯޓުގައި ދައުވާ ކުރީ ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ. އެ ތިން މީހުންނަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފައެވެ. އެއީ؛

1. ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދައުވާ

2. ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި، (ނ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

18 އަހަރުން ދަށުގެ ކުއްޖަކު އެ މާރާމަރާީގައި ހިމެނޭއިރު އޭނާގެ މައްޗަށްވެސް 2 ދައުވާއެއް ކޮށްފައި ވެއެވެ. އެއީ؛

1. ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދަގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

2. ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ

އެ ދައުވާތައް ހުށަހަޅާފައި ވަނީ ޖުވެނިއަލް ކޯޓަށެވެ.

މާމެންދޫގައި ހިނގި އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި މަރާލި އުދައްޔުގެ ހަށިގަނޑު ފެބްރުއަރީ މަހު 15ގައި ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށްފަހު ފެބްރުއަރީ 18ވަނަ ދުވަހު ވަނީ އަނބުރާ ރާއްޖެއަށް ގެނެސްފައެވެ.