ގޭ ބަންދުގައި ހުންނެވި ކަމަށް ވިދާޅުވާ އުރުދުންގެ ކުރީގެ ވަލީއަހުދު، އަމީރު ހަމްޒާ ބިން ހުސައިން، އެ ގައުމުގެ ހަމަޖެހުން ނަގާލެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް، އުރުދުން އިން ތުހުމަތު ކޮށްފިއެވެ.

އެގޮތުން، އުރުދުންގެ ސަރުކާރާ ދެކޮޅަށް، އެ ގައުމުގެ ގަބީލާ ލީޑަރުން ނެރުމަށް އަމީރު ހަމްޒާ މަސައްކަތް ކުރެއްވި ކަމަށް، އުރުދުންގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި މިވަގުތު ހުންނެވި އައިމަން ސަފާދީ ވަނީ ވިދާޅުވެފައެވެ.

ބީބީސީއަށް ފޮނުއްވި ދެ ވީޑީއޯއެއްގައި އަމީރު ހަމްޒާ ވަނީ، މިވަގުތު އޭނާ ވަނީ ގޭ ބަންދުގައި ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަށް ތުހުމަތު ކުރާ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އަމީރު ހަމްޒާ ވިދާޅުވިއިރު، އޭނާ ވަނީ، އުރުދުންގެ ލީޑަރުންނަށް، ކޮރަޕްޝަންގެ ތުހުމަތާއި، ކަމަށް ނާގާބިލު ކަމުގެ ތުހުމަތު އަމާޒު ކުރައްވާފައެވެ.

ސަފާދީ ވިދާޅުވީ، އަމީރު ހަމްޒާ މި ވީޑިއޯތައް ބޭނުން ކުރައްވާފައި ވަނީ ހަމްދަރުދީ ހޯއްދެވުމަށާ، ހަގީގަތް އޮޅުވާލެއްވުމަށް ކަމަށެވެ.

މީގެ އިތުރުން، ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމުގެ ހަމަޖެހުން ނަގާލެއްވުމަށްވެސް އަމީރު ހަމްޒާ މަސައްކަތް ކުރެއްވި ކަމަށް ސަފާދީ ވަނީ ވިދާޅުވެފައެވެ. ސަފާދީ އިތުރަށް ވިދާޅުވީ، ބޭރުގެ ސަލާމަތީ ބާރުތަކާ ގުޅުން އޮންނަ މީހަކު، އަމީރު ހަމްޒާގެ އަނބިކަނބަލުން، އަމީރާ ބަސްމާ، އުރުދުންއިން ފުރާވަޑައިގަތުމަށް ފުރުސަތު ފަހިކޮށްދީފައި ވެސް ވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން ގައުމެއްގެ ސަލާމަތީ ބާރަކުން ހަމަޖައްސާދިން ކަމެއް ކަން ސަފާދީ ހާމަ ކުރައްވާފައެވެ.

ސަފާދީ އިތުރަށް ވިދާޅުވީ، އަމީރު ހަމްޒާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ހުއްޓުވާލެއްވުމަށް ގާނޫނީ ފިޔަވަޅު އެޅުމެއް ނެތި، ސުލްހާގައި މަސައްކަތް ކުރެވުނު ކަމަށާ، ނަމަވެސް އެކަމަށް އަމީރު ހަމްޒާގެ ފަރާތްޕުޅުން ލިބުނީ ނޭދެވޭ އިޖާބައެއް ކަމަށެވެ.

އުރުދުންގެ ޝާހީ ގަނޑުވަރު ތެރޭގައި ހަމަނުޖެހުން ގަދަވެ، އެ ގައުމުގެ ވެރިކަމުގެ މަސްރަހު ނުތަނަވަސް ވެފައި ވާއިރު، ސަރަހައްދީ ބާރުތަކުގެ ތެރޭގައި ހިމެނޭ މިސްރު، ތުރުކީވިލާތް އަދި ސައުދީ އަރަބިއްޔާއިން ވަނީ ޢަބްދުﷲ ރަސްގެފާނަށް ތާއީދު ކުރާ ކަން ހާމަކޮށްފައެވެ. އެމެރިކާ އަދި އިނގިރޭސިވިލާތުންވެސް ވަނީ ތާއީދު ހާމަ ކޮށްފައެވެ.

އަމީރު ހަމްޒާއަކީ އުރުދުންގެ ހުސައިން ރަސްގެފާނުގެ އެންމެ ދޮށީ ދަރިކަލުންނެވެ. އަދި އަނބިކަނބަލުން، ރާނީ ނޫރު އެންމެ ލޯބިފުޅުވި ދަރިކަލުންވެސްމެއެވެ. އުރުދުންގެ ވަލީއަހުދު ކަމުގެ މަގާމަށް އަމީރު ހަމްޒާ އިސްކުރެވުނީ 1999 ވަނަ އަހަރުއެވެ.

ނަމަވެސް ހުސައިން ރަސްގެފާނު އަވަހާރަވީއިރު، އަމީރު ހަމްޒާގެ އުމުރު ހަގުކަމަށް ކަނޑައަޅާ، ރަސްކަމަށް އިސް ނުކުރާން ނިންމިއެވެ. އޭގެ ބަދަލުގައި މިހާރުގެ ޢަބްދުﷲ ރަސްގެފާނު، ވެރިކަމާ ހަވާލުވެވަޑައިގެން، 2004 ވަނަ އަހަރު، ވަލީއަހުދުގެ މަގާމު، އަމީރު ހަމްޒާގެ ކިބައިން ނެންގެވިއެވެ.