އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުން ރުޖޫއަ ކުރުމަށް ބާރުތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބުވުން ދުރު ކަމުގެ އިޝާރާތެއް އީރާނުން ކޮށްފިއެވެ.

ސުލްހައިގެ އެއްބަސްވުމުގެ ރޫހާ އީރާނުން ހިލާފު ވަމުން ދާއިރު، އެކަމަށް ހައްލު ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނުން އަންނަ ހަފުތާގައި ވިއެނާގައި ބައްދަލުވުމެއް ބޭއްވުމަށް ބާރުތަކުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި، އީރާނުގެ ފޮރިން މިނިސްޓަރު، މުހައްމަދު ޖަވާދު ޒަރީފު ވަނީ، އެމެރިކާއާއި އީރާނާ ދެމެދު ބައްދަލުވުމެއް ނޯންނާނެ ކަމަށާ، އެއީ ބޭކާރު ކަމެއް ކަމަށް ވިދާޅުވެ، ޓްވީޓެއް ކުރައްވާފައެވެ.

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އައްބާސް އަރަގްޝީ ވިދާޅުވީ، އީރާނުން ބައިވެރިވާ އެއްވެސް ބައްދަލުވުމެއްގައި އެމެރިކާ ބައިވެރި ނުވާނެ ކަމަށާ، ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތަކުގައިވެސް މިކަން އޮތީ މިހެން ކަމަށެވެ.

އެމެރިކާގެ މަގުބޫލު ރައީސް، ބަރާކް އޮބާމާގެ ވެރިކަމުގައި އެކުލަވާލި ސުލްހައިގެ އެއްބަސްވުން ވިއްސިވިހާލިވީ، އެމެރިކާގެ މަހުޖަނު ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ޒައާމަތުގެ ކުރީކޮޅު، އެމެރިކާއިން އެ އެއްބަސްވުން ދޫކޮށްލުމުންނެވެ. އެމެރިކާއިން އެއްބަސްވުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފެށުމާއެކު، އީރާނުންވެސް ވަނީ، އެއްބަސްވުމުގެ ދަށުން އެ ގައުމަށް ލާޒިމު ކުރު އުސޫލުތަކާ ހިލާފަށް އަމަލު ކުރަން ފަށާފައެވެ.

ސުލްހައިގެ އަގެއް ކަމުގައި އީރާނުން ޑިމާންޑް ކުރަމުން ދަނީ، އެ ގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ.