ހއ. ދިއްދޫގައި ގާއިމުކޮށްފައިވާ ޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.
މިޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވާ ދެއްވީ ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދެވެ.
އެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަފީގް މުހައްމަދާއި، އެކުންފުނީގެ ޗެއާމަން މުހައްމަދު އަބުދުﷲ އިތުރުން ހއ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ދިއްދޫ ކައުންސިލްގެ ރައީސްއާއި، އަދި ދިއްދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ.
އެރަސްމިއްޔާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓާ ޝަފީގް ވިދާޅުވީ މިއީ މޯލްޑިވްސް ޕޯސްޓުގެ ވިއުގަ ފުޅާކޮށް ހިދުމަތްތައް ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ނިންމި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ޒަމާނީ ބަދަލުތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕޯސްޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ޝަފީގު ވިދާޅުވިއެވެ.
ޕޯސްޓްގެ އީ-ޓުކުރި ޕްލެޓް ފޯމްގެ ތެރެއިންނާއި ބައިނަލްއަގްވާމީ އެފަދަ ޕްލެޓްފޯމްތަކުގެ ތެރެއިން ހިނގާ ވިޔަފާރި މުއާމަލާތްތަކުގެ ސަބަބުން ރާއްޖޭގެ ޕޯސްޓުގެ ނިޒާމުގެ ތެރެއަށް ވަންނަ މޭލްގެ ގާތްގަޑަކަށް 50 ޕަސެންޓަކީ އަތޮޅުތަކަށް އެޑްރެސް ކުރާ މޭލްތައް ކަމަށް ޕޯސްޓު އޮފީހުން ބުނެއެވެ.
ޕޯސްޓު އޮފީހުން ވަނީ އަތޮޅުތަކުގެ ޕޯސްޓު އޮފީސް ވިއުގަ ފުޅާވެގެން ދިއުމަކީ، އަތޮޅުތަކުގެ ރައްޔިތުންނަށް އޭގެ ފަސޭހަތައް ލިބި، ހިދުމަތުގެ އިތުބާރާ ޔަގީންކަން އިތުރުވެގެންދާނޭ ކަމެއް ކަމަށް ދެކޭ ކަމަށް ބުނެފައެވެ.
ރާއްޖޭގެ ހަތް އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ ވެރި ރަށުގައި ޕޯސްޓް އޮފީސް ހުންނަ ކަމަށް ޕޯސްޓު އޮފީހުން ބުނެއެވެ. އަދި ޕޯސްޓް އޮފީސް ނެތް އަތޮޅުތަކުގައި ޕޯސްޓް އޮފީސްތައް ގާއިމްކުރަން ނިންމާފައިވާ ކަމަށް ވެސް ޕޯސްޓު އޮފީހުން ބުނެއެވެ.