އިންޑިއާއާ ޕާކިސްތާނަށް ކުރިއަށް ދެވެން އޮތް ހަމައެކަނި މަގަކީ މަޝްވަރާގެ މަގު ކަމަށް، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު، ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ ވިއޯންއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ގުރައިޝީ ވަނީ، ދާދި ފަހުން އޮތް، "ހާޓް އޮފް އޭޝިއާ" ކޮންފަރެންސްގައި، ޕާކިސްތާނާ ބެހޭ ގޮތުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު، ނޭދެވޭ ވާހަކަތަކެއް ދައްކަވާފައި ނުވާ ކަން، ބަލައިގަންނަވާ ކަންވެސް ފާހަގަ ކުރައްވާފައެވެ.

ގުރައިޝީ ވަނީ، ކުރިއަށް ދިއުމަށް އިންޑިއާއިން އަޅާ ކޮންމެ ފިޔަވަޅަކަށް ޕާކިސްތާނުން ދެ ފިޔަވަޅު އަޅާނެ ކަމަށް އެގައުމުން ފާޅު ކުރަމުން އަންނަ ޝިއާރު ތަކުރާރު ކުރައްވާފައެވެ. މިމޭރުމުން އޭނާ ވަނީ ދެ ގައުމުގެ ލީޑަރުންގެ މެދުގައި ދާދި ފަހުން ބަދަލު ކުރެވުނު ސިޓީފުޅުތަކުގެ އިތުރުން، ދެ ގައުމު ހިއްސާ ކުރާ ބޯޑަރު ސަރަހައްދު (އެލްއޯސީ)ގައި ސުލްހަ ގާއިމު ކުރުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުންވެސް ފާހަގަ ކުރައްވާފައެވެ.

ގުރައިޝީ ވިދާޅުވީ ސުލްހައިގެ މަޝްވަރާތަކަށް ޕާކިސްތާނުން ފަސްޖެހިފައި ނުވާނެ ކަމަށާ، ކުރިއަށް ދެވެން އޮތް ހަމައެކަނި ގޮތަކީވެސް މަޝްވަރާ ކަމުގައި ޕާކިސްތާނުން ގަބޫލު ކުރާ ކަމަށެވެ. އިންޑިއާ އަދި ޕާކިސްތާނަކީވެސް ނިއުކްލިއާ ދެ ބާރު ކަމަށާ، "ދޯހަޅި" ކަމާއެކު ހަނގުރާމައަކަށް ދިއުމަކީ އަމިއްލައަށް މަރުވުން ކަމަށްވެސް ގުރައިޝީ ވަނީ ސިފަކުރައްވާފައެވެ.

ޕާކިސްތާނާއެކު ކުރިއަށް ދާން އިންޑިއާއިން އެދޭނަމަ، އެކަމަށް ފުރުސަތު ފަހިވާ ވެއްޓެއް، އިންޑިއާއިން ގާއިމު ކޮށްދޭން ޖެހޭ ކަމަށްވެސް ގުރައިޝީ ވަނީ ވިދާޅުވެފައެވެ.

ޒަމާންވީ އަދުއްވުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ހެޔޮ ފާލަކަށް އެޅެމުން އަންނަކަމުގެ އިޝާރާތްތަކެއް ލިބެމުންދާތާ މިހާރު ވަނީ މަހެއްހާ ދުވަސް ވެފައެވެ. ޗައިނާއިންވެސް ވަނީ މިކަމާ އުފާ ކުރާ ކަން ހާމަކޮށްފައެވެ.