ކޮވިޑް-19އިން ރައްކާތެރިވުމަށް ޅ.ނައިފަރުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއެ) އިން އަންގަވައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން ނައިފަރުގައި ހަތް ދުވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގާ ކަމަށެވެ.

ނައިފަރުގައި އެޅި ހާއްސަ ފިޔަވަޅުތައް:

  • ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓާލުން.
  • އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނުގައި އެއްވެ އުޅުން ހުއްޓާލުން.
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.
  • ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުން. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތްދިނުމެއް ނުހިމެނެއެވެ.
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  • ކުޅިވަރު ގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
  • ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުން
  • ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
  • ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުން

އެފިޔަވަޅުތަކުން، އިސްތިސްނާވާނީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އާއި ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދާންޖެހޭ ފަރާތްތަކަށް ކަމަށް އެޗްޕީއެއިން ބުނެއެވެ.