ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން މި އަހަރުގެ ޖެނުއަރީ 12 އިން ފެށިގެން މާޗު 15 އާ ހަމައަށް ކުރިއަށް ގެންދިޔަ ގާލްސް ޓު ކޯޑް ތިނަދޫ ސީރީސްގެ ދެވަނަ ޕްރޮގްރާމް ނިންމުމުގެ ހަފްލާ ވާޗުއަލްކޮށް ބާއްވައިފިއެވެ.
ދިރާގުން ބުނީ އެ ހަފްލާގައި، ޕްރޮގްރާމްގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން އަދި ދިރާގުގެ އިސްވެރިންނާއި ވިމެން އިން ޓެކްގެ ފަރާތުން ބައިވެރިވެފައިވާ ކަމަށެވެ.
އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ހަފްލާގައި، ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކުރި ކަމަށް ދިރާގުން ވަނީ ބުނެއެވެ.
އޭގެ އިތުރުން ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ 3 ވެބްސައިޓްވެސް ދައްކާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ މިއަހަރު ހިންގުނު އެޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންއަށް މުޅިން އާ، ޖުމްލަ 17 ދަރިވަރުން ގ.ދ ތިނަދޫ އިން ބައިވެރިވެފައިވާ ކަމަށެވެ.
ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ގާލްސް ޓު ކޯޑް ތިނަދޫ ޕްރޮގްރާމްގައި ބައިވެރިވެ ފުރިހަމަ ކުރި ކުދިންނަށް ދިރާގުގެ ފަރާތުން ޑައިރެކްޓާ ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ މަރުހަބާ ދެންނެވި ކަމަށް ދިރާގުން ބުނެއެވެ. އަދި ޕްރޮގްރާމުގައި ދަސްވި ހުނަރުތަކާއެކު އެކުދިން މުސްތަގުބަލުގައި ކުރިއަށްދާނެ ކަމަށް އުންމީދުކުރާ ވާހަކަ ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ދިރާގާއި ގުޅިގެން ވިމެން އިން ޓެކް މޯލްޑިވްސް އިން ޓެކް ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށް މަރުހަބާ ދަންނަވާފައިވާ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ބުނީ އަންހެން ކުދިންގެ އައިސީޓީ ހުނަރު އިތުރުކުރުމަށް ހިންގި އެ ޕްރޮގްރާމްގެ ނަތީޖާ ވަރަށް ރަނގަޅަށް ހާސިލްވީ ކަމަށް ކޯހުގައި ކިޔަވާ ދެއްވި އާމިނަތު ފަރުޝާނާ ވިދާޅުވި ކަމަށެވެ. އެކަން ދޭހަވަނީ ޕްރޮގްރާމްގެ ބައިވެރިން އެކަން ދަސްކުރުމަށް ހުރި ޝައުގުވެރިކަމާއި ދަސްކުރެވުނު މައުލޫމާތުގެ ބޭނުން ހިފައިގެން ތައްޔާރުކުރެވުނު ވެބްސައިޓްތަކުގެ ފެންވަރުގެ ސަބަބުން ކަމަށް ފަރުޝާނާ ވަނީ ވިދާޅުވެފައެވެ. އަދި ޕްރޮގްރާމްގެ ބައިވެރިން އެކަން ދަސްކުރުމަށް ކުރި ހިއްވަރަށް ސާބަސް ދެއްވާ، މުސްތަގްބަލުގައި ވެސް އެކަމުން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމާ އުފާކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޕްރޮގްރާމްގެ ޝަރަފުވެރި މެހެމާނު، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު ޝިފާޒު، ޕްރޮގްރާމްގެ ބައިވެރިންނަށް ދެއްވި މެސެޖުގައި ވިދާޅުވީ އެ ޕްރޮގްރާމުން ދަސްކުރެވުނު ކޯޑިން ސްކިލްއަކީ ކުދިންގެ މުސްތަގްބަލުގައި ވަޒީފާއަކާ ހަމައަށް ދާއިރުގައި ވެސް ނުވަތަ އަމިއްލަ މަސައްކަތެއް ކުރިނަމަވެސް ފައިދާހުރި އަދި ބޭނުން ހިފޭނެ ހުނަރެއް ކަމަށެވެ. އަދި ކޯޑިންނާއި ޓެކްނޮލޮޖީގެ ހުނަރަކީ ކުދިންގެ ވިސްނުން އިތުރަށް ތަރައްގީ ކުރުމަށް ލިބިދޭ ބާރެއް ކަމަށެވެ.
އެބައިވެރިވި ދަރިވަރުންގެ ފަރާތުން މަރިޔަމް ދީމާ ހަސަން އެ ހަފްލާގައި ވާހަކަ ދެއްކިއެވެ. ދީމާ ބުނި ގޮތުގައި ކޯޑިން އަކީ ވަރަށް އުނދަގޫ ހުނަރެއް ކަމަށް ކުރިން ހީކުރިނަމަވެސް އެޕްރޮގްރާމުގެ ޒަރީއާއިން އެހުނަރު ދަސްވިކަމަށްޓަކައި އުފާކުރެއެވެ. އަދި އެޕްރޮގާމުން ވަރަށް ގިނަ އާ ކަންތައްތަކެއް ދަސްވެއްޖެ ކަމަށާއި، ކޯޑިން އާއި ޕްރޮގްރާމިން އަކީ އަންހެން ކުދިންނަށް ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށް ދީމާ ބުންޏެވެ. އެފަދަ ޕްރޮގްރާމެއް އަންހެން ކުދިންނަށް ހާއްސަކޮށްގެން ތިނަދޫގައި ހިންގީތީ ދީމާ ޝުކުރު އަދާކުރިއެވެ.
ދިރާގުން ބުނީ އެ ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.