ބޯހިޔާވަހިކަމަކީ، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮންމެހެންވެސް ހައްލު ކުރަން މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެކަށީގެންވާ ބޯހިޔާވަހި ކަމަކީ، އެތައްހާސް އިޖުތިމާއީ މައްސަލަތަކެއްގެ ފަރުވާއެވެ.

ތަފާތު އެކިއެކި ބަލިމަޑުކަމާއި ބޭއަދަބީ އުޅުންތަކާއި ގުޅުންތަކުގެ އިތުރުން ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މިންވަރުގެ ތެރެއިން ސާފު "ވައި ކޮޅެއް" ވެސް ލިބެން އޮތް މަގެވެ.

2018 ވަނަ އަހަރު، ރައީސް ޔާމީނުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން ހުޅުމާލޭގައި 7000 ފްލެޓް އެޅިއެވެ. "ކޮތަރު ކޮއްޓަކަސް"، "ކުކުޅު ކޮއްޓަކަސް" އެތަން ހުރީ ނަގާ ކޮޅަށް ޖަހާފައެވެ. އިމާރާތްތަކުގެ އެތެރޭގެ ފިނިޝިން އެއްވެސް މަސައްކަތެއް ކޮށްފައި ނެތަސް ވާރޭ ހިޔާ ވެއެވެ. ފާހާނާ ކުރެވެން އެބަހުއްޓެވެ. ސިމެންތި ތަޅުން މަތީގައި ވިޔަސް ނިދޭނެއެވެ.

އެތަންތަން ހުރެގެން ހިރަފުހަށް ވަނީއެވެ. އެތަންތަން ހެދި މީހުން އެތަންތަން ހަދާފައި ހުރީ އެމީހުންގެ ރަށުގައި ތަންތަން ހަދާފައި ހުންނަ ގޮތަށެވެ. އެމީހުންގެ ތެރެއިން ގިނަ މީހުން ހެނދުނު ގެއިން ނުކުމެގެން ވަޒީފާއަށް ދާ ގޮތަށް އެނބުރި އަންނަނީ އިރުއޮއްސޭ ފަހުންނެވެ. ގެއަށް ވަންނަ ގޮތަށް ކުރާ ކަމެއް ކޮށްގެން ދެފައި ދޮވެ އަރާ ނިދަނީއެވެ. ގިނަ ފަހަރަށް ވަޒީފާއަށް ދާނީވެސް ދަރިންވެސް ގޮވައިގެންނެވެ.

ދިވެހިންނަކީ އެގޮތަށް އުޅެން ދަސްވެފައި ތިބި ބައެއް ނޫނެވެ. ރަށްރަށުގެ ކުޑަކަމާއި ދާނެ މާ ގިނަ ތަނެއް، ދުރު ހިސާބެއް އޮންނަ ތަނެއް ނޫނެވެ. އެހެން ވީމާ އެހެން އުޅޭކަށްވެސް ނުޖެހެއެވެ. އިރު އިރު ކޮޅާ ގެއަށް ވަދެލާ، ދިހަ ބާރަ ފަހަރު ކޮފީއަށް ދާން ޖެހޭ ބަޔަކަށް ވާއިރު، ޓަވަރެއްގައި 2 ލިފްޓް ހުރީމައި މާބޮޑަށް ވެސް މަދެވެ. ކުންޏަކަސް، އެހެން އެއްޗަކަސް އަރުވާ ބާލާނެ އެހެން ގޮތެއް އެތާކު ނެތެވެ. 15 ބުރިން ކުރެ ކޮންމެ ބުރިއަކުން ލިފްޓަށް ފިތައިގެން ހުއްޓަސް ދެން ޖެހޭނީ ހުންނާށެވެ. ފްލެޓް ތަކަށް ދެވޭ ކޮރިޑޯއަށް ވާގޮތަށް ހުންނަ ކުޑަދޮރުން އެޕާޓުމަންޓް ތެރެއަށް ބަތް ކޮތަޅެއް ފާޑު އެއްޗެއް އެއްލަފާނެތީ، ތަޅުލައިގެން ތިބުން ނޫން ގޮތެއް ހުރި ތަނެއް ނޫނެވެ. ފާހާނާއެއްގެ ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް މަތިން ލީކް ވާއިރު ތިރީ އެޕާޓުމަންޓު ތަކަށް "ހެސް ކިޔާފަ" ވަސް ދުވިޔަސް ފަސޭހަ ރަހުމަތެއްގައި މަރާމާތެއް ކުރެވެންވެސް ހުރި ތަނެއް ނޫނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހައުސިން ޔުނިޓުތައް / ފޮޓޯ: އަލީ ޝަމްއާން | ދަ ޕްރެސް

7000 ފްލެޓް ހުރި ގޮތް ކުރުކޮށް މި ލިޔުނީ، އާންމު ދިރިއުޅުމަށް އެކަށީގެން ވާ ވަރަށް އެތަންތަން ނިންމަން އަދި 3-4 މަސް ނަގާނެތީއެވެ. މުއްޓެއް ނުހަޖައެވެ. އެތެރޭގެ ދޮރުފަތްތަކެއް ނެތެވެ. ފާހާނާގައި މުށި ޖަހާފައި ހުރީ 4 ފޫޓަށެވެ. ބަދިގެއަށް ވާ ބައިގައި ހުރީ އައްޓެއް ހަދާ، އޭގައި އެއް ފޫޓު އެއް ފޫޓު ސިންކެއް ހަރުކޮށްފައެވެ. ކަރަންޓް ވަޔަރު ހުއްޓަސް ދިއްލޭނެ ބޮތްކެއް ފަންކާއެއް ނެތެވެ.

ހިޔާ ފްލެޓުގެ ފާހަނާއެއް / ފޮޓޯ: އެޗްޑީސީ

އެހެންވިޔަސް ހެވެ. 7000 ފްލެޓަށް ވިހި ބާވީސް ހާސް މީހުން ކުރިމަތިލިއެވެ. ޔާމީނު ސަރުކާރާއި ހިނގަމުންދާ ސަރުކާރުގައިވެސް ކޮމިޓީތައް ހަދައިގެން އެ ހުރިހާ ފޯމެއް އެ ފުއް މިފުށަށް ޖަހާ ބަލާ ހެދިއެވެ. މިހާރުގެ ފްލެޓް ކޮމެޓީން ބުނެފައި ވަނީ ކޮންމެ ފޯމެއް ދިހަ ބާރަ ފަހަރު ބެލި ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ބެލި ކަމަށެވެ. އެތައް މަސްތަކެއްގެ މަސައްކަތަށް ފަހު ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމު ކުރި އިރު، ޔާމީނު ސަރުކާރުގައި ފްލެޓް ލިބޭނެ ކަމަށް ބުނި ބައެއް މީހުނަށް މި ސަރުކާރުގައި ފްލެޓް ނުލިބެއެވެ. އަދި ޕޮއިންޓް މަދުވި މީހުންނާއި ގިނަވި މީހުންވެސް ތިއްބެއެވެ. އެހެން ވިޔަސް ކޮމިޓީން ބުނީ އެކަން ކުރީ އިންސާފުވެރިކޮށް ކަމަށެވެ.

ފްލެޓް ލިސްޓް އިއުލާން ކުރުމާއެކު، ފްލެޓް ލިބުނު މީހުންގެ ޝަކުވާއެއް ނެތެވެ. ނަމަވެސް ނުލިބުނު މީހުންގެ އުދާސްތައް ހޫނުވެ، މާލޭގެ މަގުތަކުގައި ސިލްސިލާ އިހުތިޖާޖުތައް ކުރިއެވެ. އަދިވެސް ކުރެއެވެ.

މި ހިނގާ މާޗު މަސް ނިމުމުގެ ކުރިން ފްލެޓް ލިބުނު މީހުންނަށް ލިޔުން ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ދެނެއް ނުވާނެއެވެ. މަސް ނިމެން އޮތީ 3 ދުވަހެވެ.

ފްލެޓް ލިބުނު ލިސްޓު މިހާރު އޮތީ އަލުން މުރާޖައާ ކުރަން ޖެހިފައެވެ. މި ގައުމުގައި ހިނގާ ހުރިހާ ކަމެއް "ދަންނަ މަޖިލީހުން" ފްލެޓް ދިން ގޮތް ގޯސް ކަމަށް ބުނެފިއެވެ. ލޯކަލް ކައުންސިލް އިންތިހާބުވެސް ބޯމަތީގައި އޮތް މި ދަނޑިވަޅުގައި މަޖިލީހުގެ ކޮމެޓީން އެގޮތަށް ނިންމާ، ފެލްޓެ ލިބެނީ ހައްގުވެރިންނަށްތޯ އަލުން ކަށަވަރު ކުރަށް ސަރުކާރުގައި ބުނަން އޮތީ ނިންމާފައެވެ.

ލިސްޓްތައް އަލުން ލިޔުނަސް، ޕްރިންޓް ކުރިޔަސް ހެވެ. އެތަންތަން ހިރަފުހަށްވެ ނުދަނީސް އެތަނަށް ވަންނަން ތިބި ބަޔަކަށް (ހައްގުވެރިންނަށް) އެތަންތަން ހަވާލު ކުރާށެވެ. އެބަޔަކު ހަދާނެ ގޮތަކަށް ހަދައިގެން އުޅެފާނެއެވެ. އެ ލިސްޓް ކަމަކު ނުދޭ، މި ލިސްޓް ކަމަކު ނުދޭ، އާ ލިސްޓެއް ހަދާށޭ، ބާ ލިސްޓޭ ބަލާނީ ކިޔާ، ބަހާ ބަހާ ނުނިމި، ކިއިހާ ޅެން ފަރިއްސަށް ވާ ގޮތަށް ކަން ނުކުރާށެވެ.

ބޯހިޔާވަހިކަމަކީ ހިޔާވަހިކަމެއް ނެތް ކޮންމެ މީހެއްގެ "ގެކަން" ދަންނާށެވެ.